ރެއިމްސްގެ ކުޅުންތެރިން މެސީގެ ކިބައިން އެދުނީ ދަރިފުޅާއި އެކު އެންމެ ފޮޓޯއެއް ނަމަވެސް ނަގާލަ ދިނުމަށް

21 އަހަރަށް ފަހު ސްޕެއިންގެ ބާސެލޯނާ ދޫކޮށް މިފަހަރުގެ ޓްރާންސްފާގައި ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިއާ ލިއޮނެލް މެސީ ވަނީ ޕީއެސްޖީ ޖާޒީގައި ކުޅުނު ފުރަތަމަ މެޗު ...

30 Aug 2021 | 04:46

21 އަހަރަށް ފަހު ސްޕެއިންގެ ބާސެލޯނާ ދޫކޮށް މިފަހަރުގެ ޓްރާންސްފާގައި ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިއާ ލިއޮނެލް މެސީ ވަނީ ޕީއެސްޖީ ޖާޒީގައި ކުޅުނު ފުރަތަމަ މެޗު ރެއިމްސްއާއި ދެކޮޅަށް ރޭ ކުޅެފައެވެ.

މެސީ ރޭގެ މެޗު ފެށީ ބެންޗުންނެވެ. ރެއިމްސްއާއި ދެކޮޅަށް ޕީއެސްޖީ ކުޅެ 0-2 އިން މޮޅުވި މި މެޗުގައި މެސީ ކުޅެން އެރީ ފަހު ހާފުގެ 66 ވަނަ މިނެޓުގައެވެ. މި މެޗުގައި ކުޅެން އަރާ މެސީ އޭނާގެ ޖާދޫ ދައްކަން މަސައްކަތް ކުރި ނަމަވެސް އޭނާއަށް އެކަން ނުވީ ރެއިމްސްގެ ކުޅުންތެރިންގެ ސަބަބުންނެވެ. އެގޮތުން މެސީ އޭނާގެ ސްޓައިލްގައި ބޯލައާއި އެކު ވަދެގަންނަން މަސައްކަތް ކުރި ދެ ފަހަރުވެސް ރެއިމްސްގެ ކުޅުންތެރިން ވަނީ މެސީގެ ކޮނޑުގައި އަތް އަޅުވާ ދަމާ އޭނާ ހުއްޓުވާފައެވެ. ނަމަވެސް މީގެން އެއްވެސް ފަހަރަކު ފައުލްއެއް ދައްކާފަ ނުވެއެވެ. މެސީއަށް ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ނުދެއްކުނު އެއް ސަބަބަކީ އެއީ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.

ރޭގެ މެޗަކީ ޕީއެސްޖީގެ ޖާޒީގައި މެސީ ފެނިގެން ދިޔަ ފުރަތަމަ މެޗަށް ވުމާއި އެކު ރޭ ސަޕޯޓަރުންގެ އަޑުވެސް އާދަޔާ ޚިލާފަށް ގަވެގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.

ރޭގެ މެޗަށް ފަހު ފެނުނު އެންމެ އާދަޔާ ޚިލާފު އެއް ކަމަކީ މެޗު ނިމުމާއި އެކު ރެއިމްސްގެ ކުޅުންތެރިން އެމީހުންގެ ތުއްތު ދަރިންތައް ގޮވައިގެން ދަނޑަށް އަރައި މެސީއާއި އެކު ފޮޓޯނެގި މަންޒަރު ފެނިގެން ދިއުމެވެ. މެސީ އަތައް ދަރިފުޅު ދިނުމަށްފަހު އެންމެ ފޮޓޯއެއް ނަމަވެސް ނަގައިލުމަށް ބައެއް ކުޅުންތެރިން އެދުނެވެ. އެގޮތުން މެސީވަނީ ރެއިމްސްގެ ކުޅުންތެރިންގެ ދަރިންތައް އުރައިގެން ފޮޓޯ ނަގައިފައެވެ.

މި މެޗަށް ފަހު ރެއިމްސްގެ ކުޅުންތެރިން މެސީއަށް ތައުރީފު ކޮށް ވާހަކަ ދައްކާފައިވެއެވެ. އެގޮތުން މެސީއާއި ދެކޮޅަށް ކުޅެލަން ލިބުމުން އެކަމާއި އުފާކުރާ ކަމަށް ރެއިމްސްގެ ކުޅުންތެރިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް