ފްރެންޗް ލީގު: އެމްބާޕޭ ކާމިޔާބު ކުރި ދެ ގޯލާއި އެކު ޕީއެސްޖީ މޮޅުވެއްޖެ

ފްރެންޗް ލީގުގައި ރޭ ރެއިމްސްއާއި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. 21 އަހަރަށް ފަހު ބާސެލޯނާ ދޫކޮށް ހިލޭ ޓްރާންސްފ...

30 Aug 2021 | 03:18

ފްރެންޗް ލީގުގައި ރޭ ރެއިމްސްއާއި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

21 އަހަރަށް ފަހު ބާސެލޯނާ ދޫކޮށް ހިލޭ ޓްރާންސްފާއެއްގެ ދަށުން ޕީއެސްޖީއަށް ބަދަލުވި މެސީ ރޭގެ މެޗުގައި ކުޅެފައިވާއިރު، ރޭގެ މެޗުގައި މެސީ ކުޅެން އެރީ ފަހު ހާފުގައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެންހެލް ޑި މާރިއާ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

މެޗުގެ ފުރަތަމަ ހާފު ލީޑުގައި އޮވެ ޕީއެސްޖީން ނިންމާލިއިރު، މި މެޗުގެ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ރެއިމްސްއިން ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް އެޓީމުގެ މާޝަލް މުނެޓްސީ ޖެހި މި ލަނޑު ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

މި މެޗުގައި ޕީއެސްޖީން ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 63 ވަނަ މިނެޓުގައެވެ. ކައުންޓަ އެޓޭކުގައި އަޝްރަފް ހަކީމީ ރެއިމްސްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ގޯލުގެ ކުރިމައްޗަށް ނަގައިދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ. މި މެޗުގައި އެމްބާޕޭ ކާމިޔާބު ކުރި ދެ ލަނޑާއި އެކު މިފަހަރުގެ ސީޒަން ގައި އެމްބައްޕޭ ޕީއެސްޖީއަށް ކާމިޔާބު ކޮށްދިން ލަނޑުގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ.

ރޭގެ މެޗުން ޕީއެސްޖީ މޮޅުވިއިރު، ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. އެއާއެކު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 12 ޕޮއިންޓާއެކުއެވެ.

ޕީއެސްޖީ ލީގުގައި ދެން މެޗެއް ކުޅޭނީ އަންނަ މަހުގެ 12 ވަނަ ދުވަހު ކްލާމޮންޓާއި ދެކޮލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް