ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވި އައިޝަތު އަފްޒާ ޒުހައިރުގެ ބޮލަށް ވެއްޓުނު ހޮޅިދަނޑިއަކީ ހައުސިން މިނިސްޓްރީން ބެހެއްޓި ހޮޅިދަނޑިއެއް ކަމަށާއި ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން މިހެން ބުނީ މިކަމާއިގުޅިގެން މިރޭ ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެ ނޫސްބަޔާނުގައި ބުނެފައިވަނީ 392 ނަމްބަރު ކޮށީގެ ކައިރީގައި އެ ހޮޅިދަނޑި ބެހެއްޓީ މިނިވަން 50 އާއި ގުޅިގެން މާލެ ކުލަބޮކިން ޒީނަތްތެރި ކުރިއިރު ނަމޫނާ ރުކެއް ދައްކާލުމުގެ ގޮތުން ކަމަށާއި، އެހޮޅިދަނޑި ބަހައްޓާފައި ހުންނާނީ އެކޮށީގެ އިންފާރުގެ ތެރޭގައި ބިމަށް ދަނގަޑުޖަހައި މައުންޓްކޮށްފައި ކަމަށެވެ.
އަދި މިނިވަން 50 ގެ ބޮޑެތި ފުޅަނދުތައް އެމަގުން ދަތުރު ކުރިއިރު، އެއިން އެއްވެސް އުޅަނދެއް އެހޮޅިދަނޑީގައި ނުޖެހޭ ކަމަށާއި، ރޭގައި އެހޮޅިދަނޑި ވެއްޓިފައިވަނީ ބާރު ސްޕީޑުގައި ދުއްވި ކޮންޓެއިނަރ ޓްރަކެއް ކޮންޓްރޯލް ނުވެ ހޮޅިދަނޑީގައި ޖެހުމުގެ ސަބަބުން ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.
ފުލުހުން މިއަދު ބުނެފައިވަނީ މިހާތަނަށް ބެލިބެލުމުން މަގުމަތީގައި ހުރި އެހޮޅިދަނޑި ޓްރަކުން ޖެހި ވެއްޓުނުކަން އެއުޅަނދު ދުއްވަން އިން މީހާއަށްވެސް ނޭނގޭ ކަމަށާއި. އެއީ ހަރުކޮށްފައި ހުރި ހޮޅިދަނޑިއެއް ކަމަކަށް ނުބެލެވޭ ކަމަށެވެ. އަދި އެއީ މީހަކު ކަމަކު އެތަނުގައި ބަހައްޓާފައި ހުރި އެއްޗެއް ކަމުގައި ބެލެވޭ ކަމަށްވެސް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެހޮޅިދަނޑިވެއްޓި މީހަކު މަރުވުމާއި ގުޅިގެން އެމިނިސްޓްރީގެ މުވައްޒަފުން އެކަމާއިމެދު ހިތާމަ ކުރާ ކަމަށާއި، އެކަން ތަހުޤީޤު ކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް އެމިނިސްޓްރީން ދޭންޖެހޭ ހުރިހާ އެއްބާލުން ދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް