ގަލްފް ގައުމުތަކުގެ މުއްސަނދިން ގޮތަށް ހެދުން އަޅާ، މުއްސަނދިންނަށްވެގެން ހޮޓާތަކަށްވަދެ ވައްކަންކުރަމުންދިޔަ ދެމީހަކު ފްރާންސުން ހައްޔަރުކޮށްފި އެވެ.
ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އެމީހުން ހޮޓާތަކަށް ޗެކިންވަނީ މުއްސަނދި ގެސްޓުންނަށް ވެގެންގޮސް ކޮޓަރީގެ ތަޅުދަނޑި ގެއްލިއްޖެކަމަށް ރިސެޕްޝަނަށް ރިޕޯޓްކޮށްގެން ކަމަށެވެ. އަދި ކޮޓަރިތަކަށް ޗެކިންވުމަށްފަހު ވަޑާންކައްޓެއްގެ އެހީގައި ކޮޓަރީގައި ހުންނަ ސޭފް ނައްޓާލުމަށްފަހު ފޮއްޓަކަށްލައިގެން ނިކުމެގެންދަނީ ކަމަށްވެސް ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.
މި މައްސަލައިގާ 56 އަހަރުގެ މީހަކާއި 31 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. ފްރާންސްގެ ފުލުހުން ބުނެފައިވަނީ މިމީހުން އަތުލައިގަތީ އެގޮތަށް ހޮޓަލަކަށް ޗެކިން ވުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް ކަމަށެވެ.
އެމީހުން އަތުލައިގަނެ އެމީހުންގެ ގެންގުޅުނު ދަބަސްތައް ބަލައި ފާސްކުރި އިރު 80 ހާސް ޔޫރޯގެ އަގުހުރި ގަހަނާއާއި ގިނަ އަދަދަކަށް ގަލްފް ގައުމުތަކުގެ ފައިސާގެ އިތުރުން ވަޑާންކައްޓެއް ފެނިފައި ވާކަމަށްވެސް ފްރާންސްގެ ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް