މިދިޔަ ހަފްތާއިން ފެށިގެން ލުބުނާނުގައި ކުރިއަށްދާ މުޒާހަރާތައް މެދުކެނޑުމެއްނެތި ކުރިއަށްގޮސް ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން އަންނަ ކަމަށް މުރާސިލުން ބުނެފި އެވެ.
"ޔޫ ސްޓިންކް" ނަމުގައި ސަރުކާރާ ދެކޮޅަށް ކުރިއަށްދާ މުޒާހަރާތައް ރޭގައިވެސް ވަރަށް ވަރުގަދައަށް ކުރިއަށް ގެންގޮސްފައި ވެއެވެ. އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާތައް ކުރަމުން އަންނަނީ ސިޔާސީ ފަރާތްތައް ކޮރަޕްޓްވެ ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރު ފެއިލް ވެފައި ވާކަމަށް ބުނެ އެވެ.
ލުބުނާނުގެ ތާރީހުގައިވެސް މިފަދަ ގޮތަކަށް މުޒާހަރާއެއް ކޮށްފައި ނުވާއިރު މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް ވަރުގަދަ ޑިމާންޑްތަކެއް ކޮށްފަ އެވެ. އެގޮތުން އެގައުމުގެ ތިމާވެއްޓާއިބެހޭ ވަޒީރު އިސްތިއުފާ ދިނުމަށާއި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އެކަށީގެން ނުވާ ބާރު ބޭނުންކޮށްފައިވާތީ ހާރިޖީ ވަޒީރާ މެދު ފިޔަވަޅު އެޅުމަށާއި އެގައުމުގައި ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރާނެގޮތެއް ހޯދުމަށް މުޒާހަރާގެ ބައިވެރިން ވަނީ ޑިމާންޑް ކޮށްފަ އެވެ. އަދި އެ ޑިމާންޑްތައް ފުރިހަމަ ކުރުމަށް 72 ގަޑިއިރުގެ މުހުލަތެއް މުޒާހަރާ ކުރާ ފަރާތްތަކުން ސަރުކާރަށް ވަނީ ދީފަ އެވެ.
މީޑީއާ ރިޕޯޓްތައް ބުނާގޮތުން ލުބުނާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކަކީ އެއްވެސް ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރިއަށް ގެންދާ މުޒާހަރާތަކެއް ނޫނެވެ. އެ މުޒާހަރާތަކުގައި ބައިވެރިވަނީ ގައުމުގެ މެދުފަންތީގެ ރައްޔިތުންނާއި އެކި ޖަމިއްޔާތަކާއި ޔޫނިއަންތަކުން ކަމަށްވެސް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.
ލުބުނާނުގައި ސަރުކާރު ފެއިލްވި ކަމަށްބުނެ މުޒާހަރާތައް ފަށާފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް