ޓިކްޓޮކްގެ ޒުވާބެއް ހޫނުވެ އަނެއްކާވެސް މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަމުން ދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ.
މިއަދު ހިންގި މާރާމާރީ ހިންގާފައިވަނީ ޓިކްޓޮކްގެ ލައިވް ޖައްސައިގެން ކަމަށް ބައެއް ޓިކްޓޮކް ލައިވްތަކުގައި ކިޔަމުން ދާއިރު، މާރާމާރީ ހިންގި ބައެއް ވީޑިއޯތައް ދަނީ ސޯސަލް މީޑިއާގައި ދައުރުވަމުންނެވެ.
މިއަދު ހަވީރު ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި މާރާމާރީ ހިންގީ ޓިކްޓޮކްގައި އުޅޭ ތިން މީހެއްގެ ދޭތެރޭގައެވެ.
ސޯސަލް މީޑިއާގައި މިވަގުތު ދައުރުވަމުން ދާ އެއް ވީޑިއޯ ވަނީ ދުވަސް ނޫހަށް ވެސް ލިބިފައެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި އެ ސަރަހައްދުގައި ހަތަރު އަންހެނުން ތިއްބެވެ. އޭގެތެރެއިން އެކަކު ވަނީ އެތަނުން އެއް އަންހެން ކުއްޖެއްގެ ކޯތާފަތްމަތީގައި ޖަހާފައެވެ. މައުލޫމާތު ލިބޭގޮތުގައި މާރާމާރީ ހިންގީ އެ ތިން އަންހެނުން ވެގެންނެވެ.
ދިވެހި ފުލުހުން ދުވަސްއަށް މައުލޫމާތު ދެމުން ވިދާޅުވީ، ތިން އަންހެނަކު މާރާމާރީ ހިންގި މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅާފައި ކަމަށާއި އެ މައްސަލަ މިހާރު ފުލުހުން ދަނީ ބަލަމުން ކަމަށެވެ. މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަ ކޮށްފައެެއް ނުވެއެވެ.
ޓިކްޓޮކް ތެރޭގައި ޒުވާބުތައް ހޫނުވެ ދާދި ފަހުން ވެސް ވަނީ ދެ ފިރެހެނަކުވެސް މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް