ރަނިންމޭޓަކު ކަނޑައަޅައިފިނަމަ އެކަން އިއުލާނު ކުރާނީ އިލްޔާސް: ޑިމޮކްރެޓްސް

ރަނިންމޭޓަކު ކަނޑައަޅައިފިނަމަ އެކަން އިއުލާނު ކުރާނީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބު ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ. ޑިމޮކްރެޓްސްއިން މިފަދައިން ބުނެފައި ވަނީ، ރިޔާސީ އިންތިހާބަށް އެ ޕ...

30 Jul 2023 | 08:52

ރަނިންމޭޓަކު ކަނޑައަޅައިފިނަމަ އެކަން އިއުލާނު ކުރާނީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބު ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.

ޑިމޮކްރެޓްސްއިން މިފަދައިން ބުނެފައި ވަނީ، ރިޔާސީ އިންތިހާބަށް އެ ޕާޓީން ރަނިންމޭޓްގެ ގޮތުގައި އީވާ އަބްދުﷲ ހަމަޖައްސައިފި ކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

ޑިމޮކްރެޓްސްއިން ބުނީ ރަނިންމޭޓަކު ކަނޑައެޅުމާ ގުޅޭ ހުރިހާ މައުލޫމާތެއް ހިއްސާ ކުރައްވާނީ ސީދާ ކެނޑިޑޭޓް ކަމަށެވެ. އަދި މިހާތަނަށް ވަކި މީހަކު ރަނިންމޭޓަކަސް ހަމަނުޖައްސާ ކަމަށް ޑިމޮކްރެޓްސްއިން ބުންޏެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބަށް ވާދަ ކުރައްވާނެ ރަނިންމޭޓެއް ކަނޑައަޅަން ހަމަޖެއްސީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް އެކަމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް އެ ޕާޓީން ބުންޏެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ ޕްރައިމަރީއަށް ވާދަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެކަންޏެވެ. އެހެންކަމުން ނެގި ފެންނަ ނުފެންނަ ވޯޓުން އިލްޔާސް އިންތިހާބުގައި ވާދަ ކުރައްވަން ވަނީ ފާސްވެފައެވެ.

އިލްޔާސްގެ ކެމްޕޭން ފަށައިގެން ބާރު ސްޕީޑުގައި ކުރިއަށް ދާއިރު، އިލްޔާސްއަކީ ނަޝީދުގެ ބަދަލުގައި ވެރިކަމަށް ގެންނަން އެންމެ އެކަށޭނަ ފަރާތް ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސިފަކުރައްވާފައެވެ.

ދަ ޑިމޮކްރެޓްސްގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް މިހާރަށްވުރެ ޒުވާން ލީޑަރުން ބޭނުންވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް