ކުޑަކުދިންނަށް ދޭ ސިރަޕްތަކުގައި ތަޣައްޔަރުވެފައިވާ މާއްދާއެއް ހިމެނޭތީ އެކަމަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެދެފިއެވެ.
އެ އޮތޯރިޓީން ބުނީ ކުޑަކުދިންނަށް ދޭ ސިރަޕްތަކުގައި، ސިއްހީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް ކަމަށްވާ، "diethylene glycol and ethylene glycol” ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެލާޓް ކޮށްފައިވާތީ، މީގެ ކުރިންވެސް އެ އޮތޯރިޓީގެ ފަރާތުން ހަތަރު އެލާޓްއެއް ޕަބްލިޝް ކޮށްފައި ވާނެ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުރެއްވި އިތުރު އެލާޓެއްގައި ފްރަކެން އިންޓަނޭޝަނަލް (އިންގްލެންޑް)އިން އުފައްދާ ކެމަރޫންގައި ދައުރުވަމުންދާ "NATURCOLD"ގައިވެސް އެ މާއްދާ، ހުރި ކަމަށް ފާހަގަ ކުރެވިފައި ވާކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މިއީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯރޓް ވުމުގެ ފުރުސަތު އޮތްކަމަށް ވާތީ، މިކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން އެދުނެވެ.
އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސްސިޓީއަށް ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އިތުރު މައުލޫމާތު ބޭނުންވާނަމަ، އެއޮތޯރިޓީގެ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަންގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް