ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވަނީ ދެ ގައުމެއްގައި

ކުރިއަށް އޮތް ރޮޔާސީ އިންތިހާބުގައިި ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވަނީ ދެ ގައުމެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އިލެކްޝަންސްގެ ނައިބު ރައީސް އިސްމ...

30 Jul 2023 | 08:34

ކުރިއަށް އޮތް ރޮޔާސީ އިންތިހާބުގައިި ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވަނީ ދެ ގައުމެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސްގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، މިހާތަނަށް ކަށަވަރު ވެފައި ވަނީ މެލޭޝިޔާއާއި އިނގިރޭސި ވިލާތުގައި ވޯޓުފޮށި ބެހެއްޓޭނެކަން އެކަނި ކަމަށެވެ.

އެހެން ގައުމުތަކުގައި ވޯޓުފޮށި ބެހެއްޓޭވަރަށް އަދި މީހުން ރަޖިސްޓްރީ ނުވާކަމަށް ހަބީބު ވިދާޅުވިއެވެ.

އިއްޔެގެ ނިޔަލަށް ރީ-ރަޖިސްޓްރީ ކުރަން ހުށަހެޅީ 11933 ފޯމު ކަމަށާއި މީގެ ތެރެއިން 8624 ފޯމު ލިބިފައިވަނީ އޮންލައިން ކޮށް ކަމަށް ހަބީބު ވިދާޅުވިއެވެ.

"ވީހާ ވެސް އަވަހަކަށް ރީ-ރަޖިސްޓްރީ ކުރައްވައި ނިންމެވުމަކީ ވަރަށް މުހިންމުކަމެއް. އަދި މިހާރު ރީ- ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު އީސީގެ ވެބްސައިޓުގައި ހާމަކުރުމުގެ އިތުރުން ސިޔާސީ ޕާޓީތަކާ ވެސް ޙިއްސާ ކުރެވެމުން އެބަގެންދެވޭ. އެންމެފަހު ވަގުތަށް ނުތިއްބަވާ!" ހަބީބު ވިދާޅުވިއެވެ.

އަށް ގައުމެއްގައި ރިޔާސީ އިންތިހާބުގެ ވޯޓުފޮށި ބަހައްޓަން އީސީއިން ވަނީ ނިންމާފައެވެ.

ހަބީބް ވިދާޅުވީ، މިފަހަރުގެ އިންތިހާބުގައި ޖުމުލަ604 ވޯޓުފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ރީ-ރަޖިސްޓްރޭޝަންއާ ގުޅިގެން މި އަދަދަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެއްސީ އިންޑިޔާ، ސިންގަޕޫރް، ތައިލޭންޑް، ސްރީލަންކާ، އަބޫދާބީ، މެލޭޝިއާ، އިނގިރޭސިވިލާތް އަދި ޖަޕާނުގައެވެ.

އަތޮޅުތެރޭގައި 319 ވޯޓު ފޮށި ބަހައްޓަން ނިންމާފައި ވާއިރު، މަލޭގައި138 ވޯޓުފޮށި ބަހައްޓާނެއެވެ. އަދި ހުޅުމާލޭގައި39 ވޯޓު ފޮށި، ވިލިމާލޭގައި10 ވޯޓުފޮށި، ރިސޯޓުތަކުގައި78 ވޯޓުފޮށީގެ އިތުރުން ޖަލުތަކުގައި ފަސް ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވެއެވެެ.

ސިނާއީ ސަރަހައްދުތަކުގެ ގޮތުގައި ވޯޓުފޮށި ބަހައްޓާނީ ހުޅުލެއާއި ތިލަފުށީގައެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.  ދެ ވަނަ ބުރު ބާއްވަން ޖެހިއްޖެ ނަމަ އޮންނާނީ އެ މަހުގެ 30 ވަނަ ދުވަހު އެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 282،755 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ހިމެނެނީ 144،408 ފިރިހެނުންނާއި 138،347 އަންހެނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް