އައްޑޫ ސިޓީ މަރަދޫފޭދޫގެ ކައުންސިލަރ ހާލިދާ މުހައްމަދު ދަ ޑިމޮކްރެޓްސް އަށް ސޮއިކުރައްވައިފިއެވެ.
އެމްޑީޕީ މެންބަރެއްގެ ގޮތުގައި ކައުންސިލަށް ހޮވުނު ހާލިދާ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވީ ރޭ އެ ޕާޓީން ފޭދޫގައި ބޭއްވި ޖަލްސާއެއްގަ އެވެ. ހާލިދާ ސޮއިކުރެއްވިފޯމާ ހަވާލުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ.
ރޭގެ ޖަލްސާގައި ހާލިދާގެ އިތުރުން ފޭދޫން އިތުރު ބަޔަކު ވަނީ ޑިމޮކްރެޓްސްއަށް ސޮއި ކުރައްވާފައިއެވެ. ހާލިދާ ސޮއި ކުރުމާ ގުޅިގެން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްއިލްޔާސް ލަބީބް ވިދާޅުވީ ހާލިދާ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވުމަކީ އެޕާޓީއަށް ލިބުނު އުފަލެއް ކަމަށެވެ.
ނަޝީދާއި، އިލްޔާސް ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕޭނަށް އައްޑުއަށް ވަޑައިގެންނެވީ އިއްޔެ ހަވީރު އެވެ. ކުރިއަށް އޮތް ދެދުވަހު އައްޑޫގެ އެކި ރަށްރަށުގައި ޑިމޮކްރެޓްސްގެކެމްޕޭން ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
ނަޝީދު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލަދު ގަންނަ ވަރުގެ ނަތީޖާއެއް ލިބޭނެ ކަމަށެވެ. އަދި މިފަހަރު ރިޔާސީ އިންތިހާބަށް ނުކުންނައިރު، ހުރިހާ ރިޔާސީ ކެންޑިޑޭޓުން އެބަތިބި ކަމަށާއި، ރައީސް ސޯލިހް މިދިޔަ ފަސް އަހަރު އަމަލު ކުރެއްވި ގޮތްތަކުގެ ސަބަބުން އެމްޑީޕީ ބައިބައިވެ ނިކަމެތިވެ، ހީނަރުވެފައި ކަމަށްވެސް ނަޝީދު ވިދާޅުވެފައިއެވެ.
އެ ޕާޓީގެ ޖޯޝާއި ރޫހު މިހާރު ފެންނަނީ ޑިމޮކްރެޓްސް ޕާޓީގެ ތެރެއިން ކަމަށްވެސް ނަޝީދު ފާހަގަކުރައްވާފައިވެއެވެ.
"އެ ރޫހުގައި ތިބެ ތިބޭފުޅުން ނުކުންނަވާ ތިތިއްބެވީ ޑިމޮކްރެޓްސް ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށް، އަޅުގަނޑަށް ފެންނަ ތަނުގައި މި އިންތިހާބު މިފަހަރުއެއްވެސް ޕާޓީއަކަށް އެއް ބުރުން ކާމިޔާބު ނުވާނެ. ހުރިހާ ޕާޓީތައްވެސް މަސައްކަތް ކުރާނެ." ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް