ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖޭޕީ ކެމްޕޭން އޮފީހެއް ހުޅުވައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކެމްޕޭން އޮފީހެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވައިފިއެވެ. ޖޭޕީގެ ހުޅުމާލޭ ދެކުނު ކެމްޕޭން އޮފީސް ހުޅުވާފައި ވަނީ، ދެވަނަ ފިޔަވަހީގެ ސްޓެލްކޯ ފްލެޓް ސަރަހައްދުގައެވެ. މި އޮފ...

30 Jul 2023 | 06:43

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކެމްޕޭން އޮފީހެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވައިފިއެވެ.

ޖޭޕީގެ ހުޅުމާލޭ ދެކުނު ކެމްޕޭން އޮފީސް ހުޅުވާފައި ވަނީ، ދެވަނަ ފިޔަވަހީގެ ސްޓެލްކޯ ފްލެޓް ސަރަހައްދުގައެވެ. މި އޮފީސް ހުޅުވައި ދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އަދި ޖޭޕީ ދެކުނު ކެމްޕޭން މެނޭޖަރު އިލްހާމް އަހްމަދެވެ.

ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާޓީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާއްމު މެމްބަރުން ބައިވެރިވިއެވެ.

ރިޔާސީ އިންތިހާބަށް ޖޭޕީން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ފުޅާ ދާއިރާއެއްގައި ދޮރުން ދޮރަށް ކެމްޕޭން ކުރަމުން ގެންދާއިރު، ހިޔާ ފްލެޓް ސަރަހައްދުގައިވެސް ދަނީ ކެމްޕޭން ކުރަމުންނެވެ.

އެ ސަރަހައްދަކީ މީހުން ގިނަ ތަނަކަށް ވުމުން، ޖޭޕީން ދަނީ އެކި ދުވަސްމަތިން ހިޔާ ފްލެޓްތަކަށް ޒިޔާރަތްކޮށް ކެމްޕޭން ކުރަމުންނެވެ.

އެގޮތުން އެ ޕާޓީން ދަނީ ސިލްސިލާ ގޮތެއްގައި ދެވަނަ ފިޔަވަހީގައި ދޮރުން ދޮރަށް ކެމްޕޭން ކުރަމުންނެވެ. އަދި ކޮންމެ ދުވަހަކަށްފަހު، އެ ދުވަހެއްގެ މަސައްކަތްތައް އަޕްޑޭޓް ކުރަމުން ދެއެވެ.

މިކަމާ ގުޅިގެން ޖޭޕީއިން “ދުވަސް” އަށް މައުލޫމާތު ދެއްވި ގޮތުގައި، ޕާޓީގެ އާއްމު މެމްބަރުން އިސްނަގައިގެން ދޮރުން ދޮރަށް މި ހިންގާ ކެމްޕޭންގެ އަސްލު މަގުސަދަކީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް ތާއީދު އިތުރު ކުރުމެވެ. އަދި އޭގެ ތެރެއިން ބައެއް ފަރާތްތަކުން ޕާޓީއަށް ސޮއި ކުރަމުންވެސް ގެންދެއެވެ.

ނަމަވެސް ގިނަ މެމަބަރުން އިތުރު ކުރުމަށް ވަކި ޓާގެޓް ނުކުރާކަމަށް އެ ޕާޓީން ބުނެއެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން މެމްބަރުން ޕާޓީއަށް ވަންނަމުން ދާތީ، މިހާތަނަށް ވަކިވަކި ތަންތަނުން ސޮއިކުރި މީހުންގެ ސީދާ އަދަދު މިވަގުތު ބުނަން އުނދަގޫ ކަމަށް އެ ޕާޓީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް