ބްރެޒިލް އާއި ސްޕެއިނުން މަންކީޕޮކްސް ޖެހިގެން ބަޔަކު މަރުވެއްޖެ އެވެ.
މަންކީޕޮކްސްއަކީ ބަލިމަޑުކަމެއް ކަމަށް ނިންމައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ސިއްހީ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ. މިހާތަނަށް ހެދި ދިރާސާތަކުން ދައްކާ ގޮތުގައި ބަލި ފެތުރެމުންދަނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގަ އެވެ.
މީގެ ކުރިން އެންމެ ފުރަތަމަ އެފްރިކާގެ ގައުމުތަކުގައި ފެތުރު މި ބަލީގައި މިހާތަނަށް މަރުވީވެސް އެ ސަރަހައްދުގެ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. އެކަމަކު އިއްޔެ ވަނީ ފުރަތަމަ ފަހަރަށް އެހެން ސަރަހައްދަކުން މީހަކު މަރުވެފަ އެވެ.
ބްރެޒިލްގެ ހެލްތް މިނިސްޓްރީން ބުނީ އެ ގައުމުން މަރުވީ 41 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މީހާއަކީ ކެންސަރަށް ވާރުތަކުރާ ބައްޔަކާއި ދިފާއީ ނިޒާމުގެ މައްސަލަތަކެއް ހުރި މީހެއް ކަމަށެވެ.
އެ ގައުމުން މިހާތަނަށް 1،066 މީހަކަށް މަންކީޕޮކްސް ޖެހިފައިވާ ކަން ކަށަވަރުވެފައިވެ އެވެ. އަދި ބައްޔަށް ޝައްކު ކުރެވޭ 513 މީހަކު ތިބި އިރު މިހާތަނަށް މަންކީ ޕޮކްސް ޖެހުނު ބްރެޒިލްގެ 98 ޕަސެންޓު މީހުންނަކީ ފިރިހެނުންނާއި އެއް ޖިންސުން ގުޅުން ހިންގާ މީހުންނެވެ.
ދެން މި ބަލީގައި މީހުން މަރުވެފައިވަނީ ސްޕެއިނުންނެވެ. އެ ގައުމުން ދެމީހުން މަރުވި އިރު ހެލްތް މިނިސްޓްރީން ބުނީ އެ ދެމީހުންނަކީވެސް ފިރިހެނުން ކަމަށެވެ.
ސްޕެއިން ހެލްތް މިނިސްޓްރީން ބުނީ އެ ގައުމުގައި ބަލި ޖެހިފަ ތިބި 3،750 މީހުން އެބަތިބި ކަމަށެވެ. އޭގެ ތެރެއިން 120 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.
މަންކީޕޮކްސް ޖެހެމުންދަނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންނާއި އެފަދަ ފިރިހެނުންގެ ތެރެއިން އަންހެނުންނާއި އެކު ޖިންސީ ގުޅުން ހިންގާ އަންހެނުންނާއި ފިރިހެނުންނަށް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެ އެވެ. އެ އިދާރާއިން ބުނީ މި ބަލި އާންމުކޮށް ފެތުރުމުގެ ބިރު ނެތަސް އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި ފެތުރެމުންދަނީ ހަލުވިކަމާއި އެކު ނުރައްކާތެރި މިންވަރެއްގައި ކަމަށެވެ.
މިހާތަނަށް މުޅި ދުނިޔެއިން މަންކީޕޮކްސްގެ 21،148 ކޭސް ރެކޯޑު ކުރެވިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް