ވިއްސާރައިގަ މުދަލާއި އިމާރާތްތަކަށް ލިބިދާނެ ގެއްލުމަށް ސަމާލުވާން އިލްތިމާސްކޮށްފި

ވިއްސާރައިގަ އާންމުންގެ މުދަލާއި އިމާރާތްތަކަށް ލިބިދާނެ ގެއްލުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ. ކުރިޔ...

30 Jul 2022 | 08:35

ވިއްސާރައިގަ އާންމުންގެ މުދަލާއި އިމާރާތްތަކަށް ލިބިދާނެ ގެއްލުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.

ކުރިޔަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އެ އިދާރާއިން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭވެހި ގުގުރުމާއި އެކު ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

މި އެންގުމާއި ގުޅިގެން އެންޑީއެމްއޭއިން ވަނީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް ސަމާލުކަމަށް ގެނެސްފަ އެވެ. އެއީ

  • ވާރޭވެހުމާއި އުދައަރައި ފެންބޮޑުވެދާނެކަމަށް ތައްޔާރުވުން
  • ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަަވަޅު އެޅުން. މިގޮތުން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
  • ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި، ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން
  • ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެކަމަށް ލަފާކުރެވޭނަމަ ކުރިޔާލާ ވައުފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅޫ އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން
  • ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން
  • ބޭނުންނުކުރާނަަމ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން.
  • ކަނޑުދަތުރުކުރާ ފަރަތްތަކުން މޫސުމަށް ބަަލައިގެން ދަތުރުކުރުމަށް ސަމާލުވުން. އަދި ދަތުރަށް ނިކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީންކުރުން.

އެންޑީއޭއިން މިގޮތަށް އިލްތިމާސް ކުރި އިރު މިމަހު ކުރީ ކޮޅު ރާއްޖެއަށް ކުރި ވިއްސާރައިގަ ގިނަ ރަށްތަކަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވެފަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް