ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ކުރައްވާ ގޮތް ބައެއް ބޭފުޅުންގެ ހިތަށް ކުޅަދާނަ ނުވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ. މިފަދައިން ވިދާޅުވީ ރައީސް ސޯލިހު އަންހެނަކާއި އެކު ޖިންސީ ގުޅުން ހިންގާ ފޮޓޯތަކެއް ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވުމާއި ގުޅިގެންނެވެ.
ސަމީރު ވިދާޅުވީ ރައީސް ސޯލިހަކީ ރާއްޖޭގެ ވެރިކަމުގެ ތާރީހުގައި އެއްވެސް ކަމެއްގައި ތަފާތު ކުރުމެއް ނެތި އަނިޔާވެރި ނުވެ ވެރިކަން ކުރައްވާ ބޭފުޅާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާ އަމާން އޮމާން އޯގާތެރި ވެރިކަމެއް ރައީސް ސޯލިހު ފިޔަވާ އިތުރު ވެރިއަކު ނުކުރައްވާ ކަމަށެވެ.
މިފަދަ ގޮތަށް ރައީސް ސޯލިހު ވެރިކަން ކުރައްވާތަން ދުށުމަކީ ބައެއް ބޭފުޅުންގެ ހިތަށް ކުޅަދާނަ ކަމަކަށް ނުވާނެ ކަމަށް ސަމީރު ވިދާޅުވި އެވެ. އެކަމަކު މިވެރިކަމުގައި ގާނޫނު ނަގަހައްޓާ ތަންފީޒުކުރުމަށް ފަސްނުޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
https://twitter.com/meeraazu/status/1553230406358487040
ރައީސް ސޯލިހަށް ނިސްބަތް ކުރައްވާ ފޮޓޯތަކުގެ ވާހަކަ ނަޝީދު ދެއްކެވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގުރޫޕުގައި އެވެ. އެވާހަކަ ދެއްކެވީ އެމަނިކުފާނުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމާއި ގުޅިގެން ކޯފާ އިސްކުރައްވަ އެވެ.
ނަޝީދުގެ މި ތުހުމަތުތައް ރައީސް ސޯލިހު ވަނީ ތަރުޖަމާނު މުހައްމަދު މަބްރޫކު މެދުވެރި ކުރައްވާ ދޮގު ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް