ތޮއްޑޫ އާއި ރަސްދޫ އާންމު ހާލަތަށް ގެނެސްފި

ކޯވިޑް-19 ފެތުރޭތޯ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އޮތް އއ. ތޮއްޑޫ އާއި އެ އަތޮޅު ވެރިކަން ކުރާ ރަށް ރަސްދޫގެ މޮނިޓަރިން އުވާލައި އާންމު ހާލަތަށް ގެނެސްފި އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް...

30 Jul 2021 | 11:26

ކޯވިޑް-19 ފެތުރޭތޯ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އޮތް އއ. ތޮއްޑޫ އާއި އެ އަތޮޅު ވެރިކަން ކުރާ ރަށް ރަސްދޫގެ މޮނިޓަރިން އުވާލައި އާންމު ހާލަތަށް ގެނެސްފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ރަސްދޫ އާއި ތޮއްޑޫ ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މޮނިޓަރިންއަށް ލައި އެޅި ފިޔަވަޅުތައް އުވާލާފައިވާ ކަމަށެވެ.

މި ދެ ރަށުގެ ތެރެއިން މޮނިޓަރިންގައި އޮންނަތާ އެންމެ ގިނަ ދުވަސްވީ ތޮއްޑޫ އެވެ. މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ތޮއްޑޫ މޮނިޓަރިންއަށް ލީއިރު ރަސްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

މި ދެ ރަށް މީގެ ކުރިންވެސް މިއަހަރު ތެރޭގައި މޮނިޓަރިންއަށް ލާފައިވެ އެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ11 ރަށެކެވެ. އޭގެ ތެރެއިން މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ހއ ތަކަންދޫ އެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަތާ އެންމެ ގިނަ ދުވަސްވެފައިވަނީ ފުވައްމުލަކު ސިޓީ އެވެ. އެ ސީޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ ފަސް ވަނަ ދުވަހު އެވެ.

އެޗްޕީއޭއިން ގައިޑްލައިންތަކަށް ގެނެސްފައިވާ ބަދަލާއި އެކު ބަލި ޖެހުނުތާ 60 ދުވަސް ނުވާ މީހުންނާއި ކޯވިޑް-19 ވެކްސިން ދެ ޑޯޒު ފުރިހަމަ ކޮށްގެން ދާ މީހުންވެސް މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި 14 ދުވަހު ކަރަންޓީން ވާން ޖެހޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް