ރ. ދުވާފަރުގައި ކޯވިޑް-19 ބަލީގައި 4 ވަނަ މީހާ ނިޔާވެގެންދިއުމުގައި އެރަށު ސިއްޙީ މަރުކަޒުގެ ބޮޑެތި އިޙުމާލުތަކެއް ހުރިކަމަށް ފާހަގަކުރެވޭ ކަމަށް ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ނާސިފް ވިދާޅުވީ، ދުވާފަރުގައި ހިނގާދިޔަ ހިތާމަވެރި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެފަދަ ކަމެއް ހިނގާދިޔަ ގޮތް އޮޅުން ފިލުވުމަށް ދުވާފަރު ކައުންސިލްގެ މެމްބަރުންނަށާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރަށްވެސް ގުޅުއްވިކަމަށެވެ.
އެކަމުގައި ދުވާފަރު ސިއްޙީ މަރުކަޒުގެ ބޮޑެތި އިޙުމާލުތަކެއްގެ އިތުރުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އެ ކޭސްގައި އެޓެންޑުވުމުގައި ލަސްތަކެއް ހުރިކަމަށް ފާހަގަ ކުރެވޭކަމަށެވެ.
ނާސިފް ވިދާޅުވީ، ދުވާފަރު ފަދަ ބޮޑު އާބާދީއެއްގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދިޔަ އިރުގައިވެސް އެރަށު ސިއްޙީ މަރުކަޒުގައި ވެންޓިލޭޓަރެއް ނެތުމަކީ ބޮޑު އިޙުމާލެއްކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
ރ. ދުވާފަރުގައި ކޯވިޑް-19ށް ފަރުވާދެމުން ދިޔަ މީހަކު ނިޔާވުމުގައި އިޙުމާލުތަކެއް ހުރިކަމަށް ބުނެ އެރަށުގެ ގިނަ ބަޔަކު ރޭގައި ވަނީ އެރަށު ސިއްޙީ މަރުކަޒު ދޮށަށް އެއްވެ ނުރުހުން ފާޅުކޮށްފައެވެ.
ކޯވިޑް ޖެހިގެން މިހާތަނަށް ދުވާފަރުން ހަތަރު މީހުން ވަނީ ނިޔާވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް