އޮރިޔާން ފިލްމު މައްސަލައިގަ ތުހުމަތު ކުރެވުނަސް "ސުޕާ ޑާންސް"އަށް ޝިލްޕާ ވަރަށް މުހިންމު

ސޮނީ ޓީވީން ދައްކާ "ސުޕާ ޑާންސް" ގެ ހަތަރު ވަނަ ސީޒަންގެ ޖަޖުކަން ކުރާ ޝިލްޕާ ޝެޓީ އެ ޝޯއިން ބާކީކުރުމުގެ ވިސްނުން ނެތް ކަމަށް ޓީމުން ބުނެފި އެވެ. މިމަހުގެ19 ވަނަ ދުވަހު ޝިލްޕާގެ ފިރިމީހާ ރާޖް ކުންދްރ...

30 Jul 2021 | 07:35

ސޮނީ ޓީވީން ދައްކާ "ސުޕާ ޑާންސް" ގެ ހަތަރު ވަނަ ސީޒަންގެ ޖަޖުކަން ކުރާ ޝިލްޕާ ޝެޓީ އެ ޝޯއިން ބާކީކުރުމުގެ ވިސްނުން ނެތް ކަމަށް ޓީމުން ބުނެފި އެވެ.

މިމަހުގެ19 ވަނަ ދުވަހު ޝިލްޕާގެ ފިރިމީހާ ރާޖް ކުންދްރާ އޮރިޔާން ފިލްމު އުފައްދާ މައްސަލައިގަ ހައްޔަރު ކުރުމުން އޭނާ ވަނީ އެ ޝޯ އާއި ވަގުތީ ގޮތުން ދުރުވެފައި އެވެ. އެ މައްސަލައިގަ މިހާރު ފުލުހުންގެ ތުހުމަތުގެ އިނގިލި ޝިލްޕާއަށްވެސް އަމާޒުވެފައިވާއިރު އޭނާއަށް ނޭނގި ރާޖަށް އެވަރު ކަމެއް ކުރެވޭނެ ކަމަށް ފުލުހުން ގަބޫލެއް ނުކުރެ އެވެ.

އެހެންވެ ގިނަ ބަޔަކު ގަބޫލު ކުރީ "ސުޕާ ޑާންސް" އިން ޝިލްޕާ ނެގި ވަގުތީ ބްރޭކް ދާއިމީކޮށް އެ ޓީމުން އޭނާ ދޫކޮށްލާނެ ކަމަށެވެ. އެކަމަކު މިހާރު އެކަން އެ ޓީމުން ވަނީ މީޑިއާގައި ދޮގުކޮށްފައި އެވެ.

"ސުޕާ ޑާންސް" ޓީމުން ބުނީ ޝިލްޕާ ދެތިން ހަފްތާއަށް ބްރޭކެއް ނެގިޔަސް ކަންކަން ހަމައަކަށް އެޅުމުން އެނބުރި ޓީމާއި ގުޅޭނެ ކަމަށެވެ. އަދި ޝިލްޕާ އަންނަންދެން ޝޯގައި ޝިލްޕާގެ ބައި ފުރިހަމަ ކުރާނީ ގެސްޓު ޖަޖުން ބައިވެރިކޮށްގެން ކަމަށް ބުނެ އެވެ.

އެގޮތުން މިދިޔަ ހަފްތާ ބަންދުގައި ޝޯގައި ގެސްޓު ޖަޖެއްގެ ގޮތުގައި ބައިވެރިކޮށްފައިވަނީ ކަރިޝްމާ ކަޕޫރެވެ. އަދި މި ހަފްތާގައި ޝިލްޕާ ނެތް ތަން ފުރަން ރިތޭޝް ދޭޝްމުކް އާއި އޭނާގެ އަންހެނުން ޖެނީލިއާ ޑިސޯޒާ ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

"ސުޕާ ޑާންސް" ޓީމުން ބުނީ ޝިލްޕާ އިތުރު ވަގުތު ބޭނުންވާ ނަމަ އެވަރަށް ވަގުތު ދޭންވެސް ތައްޔާރަށް ތިބި ކަމަށެވެ. އެހާވެސް އެ ޝޯއަށް ޝިލްޕާ މުހިންމު ކަމަށް ބުނެފައިވެ އެވެ.

އެ ޝޯގައި ޝިލްޕާގެ އިތުރުން ޖަޖުކަން ކުރަނީ އަނޫރާގް ބާސޫ އާއި ގީތާ ކަޕޫރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް