ހިޔާ ފްލެޓްތަކަށް ބޭނުންވާ ތަކެތީގެ ކެޓްލޮގު ހިޔާ ޔޫނިއަންގެ ފަރާތުން ލޯންޗްކޮށްފި އެވެ.
މިކެޓަލޮގު ލޯންޗް ކޮށްފައިވަނީ އެކަމަށްޓަކައި ފުޑްކޯޓުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހި ޤަޢުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗް ޢަލީ ޝުޒައިން އެވެ.
މިކެޓަލޮގު މިރޭ ޑިޖިޓަލްކޮށް ނެރެވުނު ކަމުގައި ވީނަމަވެސް މި ކެޓަލޮގު ޕްރިންޓްކޮށް ނެރުމަށްވެސް ހިޔާ ޔޫނިއަންއިން ދަނީ ވިސްނަމުން ނެވެ. އެގޮތުން އޮގަސްޓު މަހުގެ 2 ވަނަ ހަފްތާގައި ކެޓަލޮގުގެ ޕްރިންޓް ކޮޕީތައް ހިޔާ ފްލެޓްތަކުގެ ވަޒަންވެރީންނަށް ފޯރުކޮށްދިނުމަށް އެ ޔޫނިއަންއިން އަންނަނީ މަސައްކަތް ކުރަމުން ނެވެ.
ލިޓަސް ކޮންސްޓްރަކްޝަން ކުންފުނިން މެއިން ސްޕޮންސް ކޮށްފައިވާ މި ކެޓަލޮގަކީ މި މަސައްކަތް ކުރުމުގެ ދާއިރާގައި ތަޖުރިބާ އާއި ހުނަރާއި ޤާބިލްކަމަަށް ބަލާއިރު ހިޔާ ފްލެޓްތަކުގެ ކުރަން ހުރި މަސައްކަތްތައް ކުރުމަށް ބޭނުންވާ ތަފާތު ޚިދުމަތާއި ވަސީލަތް އެކުލެވިގެންވާ ކެޓަލޮގެކެވެ.
ކެޓަލޮގަކީ ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަަށް މަސައްކަތްތައް ކުރުމަށް ބޭނުންވާ މަައުލޫމާތު އެއްތަނަކުން ފަސޭހަކަމާއެކު ލިބިގަތުމުގެ ފަސޭހަކަން ހޯދައިދިނުމަށް ހިޔާ ޔޫނިއަންގެ ފަރާތުން ކުރި މަސައްކަތެކެވެ.
އެ ޔޫނިއަންއިން ބުނީ މި ކެޓަލޮގުގައި ހިމެނިފައިވާ ފަރާތްތަކާއި އެ ޔޫނިއަންއިން ވަނީ ބައްދަލުކުރެވި އެފަރާތްތަކުގެ މަައުލޫމާތު އެއްކޮށް އެ ފަރާތްތަކުގެ ޤާބިލިއްޔަތުކަން ވަޒަންކޮށްފައި ކަމަށެވެ.
8 ކެޓްގެރީގެ މައްޗަށް އެކުލެވިގެންވާ މި ކެޓަލޮގަކީ ހިޔާ ފްލެޓް ލިބުނު ކޮންމެ މީހަކަށް ވެސް ބޭނުންތެރި މުހިންމު ވަސީލަތެކެވެ. ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ހިޔާ ޔޫނިއަންގެ ފެންވަރުގައި އެހީތެރިވެދިނުމަކީ މި ޔޫނިއަންއަށް ލިބޭ ހިންހަމަޖެހުން ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް