ހައްދުންމަތީ ގަމަކީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށެވެ. އަދި ހަލުވި ބާރު މިނެއްގައި ތަރައްގީވަމުން އަންނަ ރަށެއްވެސް މެ އެވެ. ރީޖަނަލް ހޮސްޕިޓަލާއި ދިރާގާއި އުރީދޫ އާއި ރީޖަނަލް ޕޮލިސް ސްޓޭޝަންގެ އިތުރުން އެމްއެންޔޫ އާއި އެހެނިހެން ކޮލެޖް ޔުނިވާސިޓީގެ ހިދުމަތްތައްވެސް ލިބެމުން އަންނަ އަތޮޅުގެ މައި އެއް ރަށެވެ.
މި ރަށުގައި ދާދި ފަހަކާއި ޖެހެންދެން އެންމެ ބޮޑު ދަތިކަމަކަށް ވެފައި އޮތީ ދިވެހީންގެ ބޭންކް "ބޭންކް އޮފް މޯލްޑިވްސް" ގެ އޭޓީއެމްއެއް ރަށުގައި ނެތުމެވެ. ފައިސާއެއް ބޭންކުން ނަގަން ޖެހިއްޖެ ނަމަ އަތޮޅުގެ ވެރިކަންކުރާ ރަށް، ލ ފޮނަދުއަށް ދާން ޖެހުމެވެ. ލ ގަމާއި ފޮނަދުއަކީ މިހާރު ގުޅިފައިވާ ދެ ރަށެއް ނަމަވެސް ކޮންމެ ކޮންމެ ވަގުތަކު ކޮންމެ ކޮންމެ ހާލަތުތަކުގައި ފައިސާ ނެގުމަށް ފޮނަދުއަށް ދިއުމަށް ގަމު ރައްޔިތުންނަށާއި ހޮސްޕިޓަލުން ހިދުމަތް ހޯދުމަށް އަންނަ، އަތޮޅުގެ އެހެނިހެން ރައްޔިތުންނަށް ވެފައި އޮތީ ތަކުލީފަކަށެވެ.
އެ ތަކުލީފު އެންމެ ބޮޑަށް ސިފަކޮށްދިނީ ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޖޯލިފަތިން ދިމާވި ލ ހިތަދޫ ރައްޔިތެކެވެ. އުމުރުން 40 އަށްވުރެ މައްޗަށް ގޮސްފައިވާ އެމީހާއަށް 2015 ވަނަ އަހަރު ދިމާވި ހާދިސާއެއް ކިޔައިދިނެވެ. ކުއްލި ހާލަތެއްގައި ބަލި މީހަކުގޮވައިގެން ގަމު ހޮސްޕިޓަލަށް އައިސް ކޮންމެހެން ފައިސާ ހޯދަން ޖެހުމުން އެކަން ހިނގާދިޔަ ގޮތް ހިއްސާ ކުރި އެވެ.
"ބަލި މީހަކު ގޮވައިގެން އަންނަން ޖެހުނީ ދަންވަރު، ފައިސާ ނަގަން ދާން ޖެހުނީ ގަމުން ފޮނަދުއަށް، ގަމުން ރައްޓެއްސަކަށް ގުޅައިގެން ސައިކަލެއް ހޯދައިގެން ފޮނަދުއަށް ދިޔަ މަގުމަތީގައި ސައިކަލު ހުއްޓުނީ ކައްދުއާއި ފޮނަދުއާއި ދެމެދުގައިވާ ކޯޒްވޭ މަތިން، ސައިކަލު ދަމާފައި ފޮނަދުއަށް ގޮސް ފައިސާ ނަގައިގެން އަންނަން ޖެހުނީ ފޮނަދޫން އިތުރު ރައްޓެއްސެއްގެ އެހީތެރިކަން ހޯދައިގެން" އޭރު ކަން ދިމާވިގޮތް ކިޔައިދިނެވެ.
ނަމަވެސް މިހާރު މި ހާލަތު މިވަނީ ބަދަލުވެފަ އެވެ. ގަމު ރީޖަނަލް ހޮސްޕިޓަލާއި އިންވެގެން، ބޭންކް އޮފް މޯލްޑިވްސް އިން މިވަނީ "ބޭންކް އޮފް މޯލްޑިވްސް ގަމު ބްރާންޗް" ނަމުގައި ގަމަށް ހާއްސަ ބްރާންޗެއް ހުޅުވާފަ އެވެ. އެންމެ ޒަމާނީ އޭޓީއެމްގެ ހިދުމަތާއިވެސް އެކުގަ އެވެ. ހޮސްޕިޓަލުން ފަރުވާ ހޯދާ ފަރާތްތަކާ ގަމުގައި އެކި އެކި ވަޒީފާ އަދާކުރާ ފަރާތްތަކަށާއި ގަމުގެ އާއްމު ރައްޔިތުންނަށް ފައިސާ ނެގުމާއި ޖަމާ ކުރުމާއި ބޭންކުން ބޭނުންވާ އެހެނިހެން ހިދުމަތްތައް ހޯދުމުގައި މިއަދު ފަސޭހަ ގޮތްތަކެއް ބޭންކުން މިވަނީ ހަމަޖައްސައިދީފަ އެވެ.
ގަމުގައި މެރިކަލްޗަރ ޕްރޮޖެކްޓެއް ފެށުމަށް ތައްޔާރުވަމުން އަންނަ ސައްފާފް ވިދާޅުވީ ގަމުގައި ބޭންކްގެ ބްރާންޗަކާއި ބޭނުން ވަގުތެއްގައި ފައިސާގެ މުއާމަލާތްތައް ހިންގޭގޮތަށް އޭޓީއެމްއެއް ހުރުމުން ޕްރޮޖެކްޓްގެ އެކި އެކި ކަންކަމަށް ބޭނުންވާ ފައިސާ ނެގުމުގައި އިންތިހާއަށް ފަސޭހަ ވެފައި ވާކަމަށެވެ. ކުރީގައި ނަމަ ދާން ޖެހެނީ ފޮނަދުއަށް ނުވަތަ ބޭންކްގެ ކޭޝް އޭޖެންޓުތަކަށް ކަމުން ދަތިތަކެއް ހުރި ކަމަށެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަމުން އަންނަތާ 12 އަހަރުވެފައިވާ އާޔަތުﷲ ބުނީ ގަމުގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ހުރުމުން އެތައް ގޮތަކުން ފަސޭހަ ކަމަށެވެ. އަދި ކުރީގައި ނަމަ އޭޓީއެމް ނުހުންނާތީ ގިނައިން ފައިސާ ވޮލެޓަށް ލައިގެން އުޅެން ޖެހޭތީ ހަރަދުތައްވެސް ބޮޑުވާ ކަމަށެވެ. ނަމަވެސް މިހާރު އޭޓީއެމްއެއް ހުރުމުން ކޮންމެ ވަގުތަކުވެސް ފައިސާގެ މުއާމަލާތް ކުރެވޭތީ ގިނައި ފައިސާ ޖީބުގައި ބަހައްޓަން ނުޖެހޭ ކަމަށެވެ.
ގަމުން ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނީ މިހާރު މަދު ހާލަތެއްގައި ހިދުމަތް މެދުކެނޑިފައި ހުރި ނަމަވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި އެކަންވެސް ބޭންކުގެ މުވައްޒަފުން ހައްލު ކޮށްދޭ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ގަމު ބްރާންޗާއި ބެހޭގޮތުން ވާހަކަދެއްކި ގިނަ މީހުން ފާހަގަކުރި ގޮތުގައި ބްރާންޗްގެ މުވައްޒަފުންގެ ފަރާތުން ލިބެމުން އަންނަނީ ފުރިހަމަ ހިދުމަތެކެވެ. ގަމުގެ ރައްޔިތުން މިއަދު މިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް ނުހަނު ބޮޑަށް ބަލައިގެންފައެވެ. "ދިވެހިންގެ ބޭންކް" ގެ ގޮތުގައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ގަމު ބްރާންޗް ހުޅުވާފައިވަނީ މި އަހަރުގެ މާރިޗް މަހުގެ 30 ވަނަ ދުވަހުގަ އެވެ. މިއަދަކީ މި ބްރާންޗް ހުޅުވާ ހިދުމަތް ދޭން ފެށިތާ ހަތަރު މަސް ފުރުނު ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް