މަޖިލިސް ހިސޯރެއް ނުކުރަން، އަދާކުރީ ގާނޫނުން ހަވާލުކޮށްފައިވާ ޒިންމާ: ޑިފެންސް

ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައި ނުވާނެ ކަމަށާއި މަޖިލީހުގެ ސަލާމަތީ ކަންކަން ވަރުގަދަކުރީ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމެއް މެދުވެރިވެދާނެ ކަމުގެ މައުލޫމާތު ލިބުމުން ކަމަށް ޑިފެންސް މިނިސްޓްރީ...

30 Jul 2017 | 04:39

ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައި ނުވާނެ ކަމަށާއި މަޖިލީހުގެ ސަލާމަތީ ކަންކަން ވަރުގަދަކުރީ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމެއް މެދުވެރިވެދާނެ ކަމުގެ މައުލޫމާތު ލިބުމުން ކަމަށް ޑިފެންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ 24 ޖުލައި 2017 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައިވާކަމަށް ފަތުރަމުންދާ ހަބަރާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެއީ ހަގީގަތާ ހިލާފު ދޮގު ހަބަރުތަކެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލިސްގެ ސަލާމަތީ ކަންކަން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ބާރުން ބަލަހައްޓަމުންދަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނޫއަސާސީގެ 105 ވަނަ މާއްދާގެ (ހ)އިން "ރައްޔިތުންގެ މަޖިލީހުގެ ގެއާއި ގޯތިތެރެއާއި މަޖިލީހުގެ ދަށުން ހިންގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާން ވާނީ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން" ކަމަށް ކަނޑައަޅާފައިވާތީ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ވިޔަނުދިނުމަކީ ގާނޫނުއަސާސީ ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކާ ހަވާލުކޮށްފައިވާ ގާނޫނީ ޒިންމާއަކަށް ވާތީ އެވެ" އެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މިކަން މިހެން އޮތުމާއެކު، 2017 ޖުލައި 23 އިން 29 އަށް ހާއްސަގޮތެއްގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރީ ރައްޔިތުންގެ މަޖިލީހުގެ ގެއާއި ގޯތިތެރޭގެ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް މެދުވެރިވެދާނެ ކަމުގެ މައުލޫމާތު ލިބިފައިވާތީ އާއި މަޖިލީހުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މި މިނިސްޓްރީގައި ރަސްމީކޮށް އެދިވަޑައިގަތުމުން ކަމަށެވެ. މީގެ އިތުރުން 2017 ޖުލައި 24 އިން 31 އާއި ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުވަތަ ކޮމިޓީއެއްގެ ބައްދަލުވުމެއްވެސް ނޯންނާނެ ކަމަށް މަޖިލިސްގެ އިދާރާއިން އަންވައިފައިވަނިކޮށް، 24 ޖުލައި 2017 ވަނަ ދުވަހު މާލޭގައި ސިޔާސީ ހަރަކާތްތަކެއް ހިންގަން ރާފައިވާ ފަރާތްތަކުން އެދުވަހު ރައްޔިތުންގެ މަޖިލިސްކުރާ ގޭގައިވެސް ޖަލްސާއެއް ބާއްވާނެކަން އާންމުކުރުމާއެކު، އެދުވަހު ހިންގާ ސިޔާސީ ހަރަކާތްތަކަކީ ގައިރުގާނޫނީ ހަރަކާތްތަކެއްކަމަށް، މޯލްޑިވްސް ޕޮލިސް ސާވިސްއިން އިއުލާނު ކުރެއްވުމުން ދިމިގުރާތީ މުއައްސަސާތައް ހިމާޔަތް ކުރުމަކީ ގާނޫނު އަސާސީން ސަލާމަތީ ހިދުމަތްތަކަށް ލާޒިމުކުރާ ކަމަކަށް ވާތީ ކަމަށެވެ.

"އަދި ގާނޫނުއައަސާސީގެ 237 ވަނަ މާއްދާގައި "ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ދިވެހިރާއްޖޭގެ އަމިއްލަ ވެރިކަން ރައްކާތެރިކޮށް، ސަރަހައްދުގެ ރައްކާތެރިކަން ދަމަހައްޓައި، ގާނޫނުއަސާސީއާއި ދިމިގުރާތީ މުއައްސަސާތައް ހިމާޔަތްކޮށް، ގާނޫނު ދަމަހައްޓައި، ތަންފީޒުކޮށށް، އަމަންއަމާންކަން ދަމަހައްޓައި، އަދި ކުއްލި ހާލަތްތަކުގެ ސަލާމަތީ ހިދުމަތްތަކުން އެހީތެރިކަން ދޭންވާނެކަން" ބަޔާންކޮށްފައިވާތީ އެވެ. " ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

"ވުމާއެކު ގައުމީ ދިފާއީ ބާރުން ރައްޔިތުންގެ މަޖިލިސް ހިސޯރުކުރިކަމަށް ފަތުރަމުންދާ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކާއި ހަބަރުތަކަކީ ގައުމީ ދިފާއީ ބާރުގެ ހުރުމަތް ކަނޑާލައި، މުއައްސަސާގެ އަގުވައްޓާލުމުގެ ނިޔަތުގައި ހިންގާ ޕްރޮޕެގަންޑާއެކެވެ. މުއައްސަސސާއަށް ރައްޔިތުން ކުރާ އިތުބާރު ކުރޑަކުރުމަށާއި ރާއްޖެއާއި ރާއްޖޭން ބޭރުގައި ނުތަނަވަސްކަން އުފައްދައި، އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ވަރަށވެސް ނާތަހުޒީބު އަމަލެކެވެ. ބޭރު ދުނިޔޭގައި ރާއްޖެ އިތުރަށް ބަދުނާާމު ކުރުަމށް ކުރަމުންދާ ގައުމިއްޔަތާ ދެކޮޅު އަމަލެކެވެ." އެ ބަޔާނުގައި އިތުރަށް ބުނެފައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ސިފައިންގެ ގާނޫނު (ގާނޫނު ނަންބަރު 2008/1)ގެ 2 ވަނަ މާއްދާގައި ބަޔާންކުރާ ސިފައިންގެ މައިގަނޑު މަގުސަދުތަކާއި އެ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ސިފައިންގެ ވާޖިބުތައް އަދާކުރުމުގައި އެވަގުތަކަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންގެންދާނެކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމަށާއި އަދި ގާނޫނު އަސާސީގެ 237 ވަނަ މާއްދާއިން ގައުމީ ދިފާއީ ބާރަށް ލާޒިމުކުރާ ކަންކަން ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި އާލާވަމުންދާ ޑިމޮކްރަސީގެ ޅަފަތުގައި، ރައްޔިތުންގެ ބަސް ބުނުމާއި ރައްޔިތުންގެ އަޑު އުފުލުމާއި ހައްގުތައް ހޯދުމަށް މަސައްކަތް ކުރުމުގައި މާތްވެގެންވާ އިސްލާމްދީނާއި ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް އިހުތިރާމް ކުރުމަށާއި ދިވެހި ގައުމިއްޔަތުގެ މުހިންމު ބަހާއެއް ކަމުގައިވާ ދިވެހި ސަގާފަތާއި އާދަކާދައަށް އިހުތިރާމް ކުރުމަށާއި ރާއްޖޭގެ އަމްނައަމްނާކަމާއި ރައްޔިތުންގެ ރައްކާތެރިކަމާއި ގައުމުގެ ސުލްހަ މަސަލަސްކަމަށް އިސްކަން ދެއްވުން އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް