ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ، އަންނަނީ ދިވެހިން ދިވެހި ބަހަށް ހޭލުންތެރި ކުރުވުމަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް ހިންގަވަމުންނެވެ. ކޮންމެ ދުވަހަކުވެސް ސްޓެޓަސް ތަކުގައި "ކުށް" ގޮތާއި "ރަނގަޅު" ގޮތް އަންނަނީ ގެނެސްދެމުންނެވެ.
އެގޮތުން އިއްޔެ ޖަހާފައިވާ ސްޓެޓަސްއެއްގައި ބުނެފައިވަނީ "ކަރުންމަތީ ޑަކުޓަރުން ނުތިބޭނެ ކަމަށެވެ. ތިބޭނީ ކ.ނ.ކ ޑަކުޓަރުން ކަމަށެވެ. "އީ އެން ޓީ ނިސްބަތްވާ އިއަރ، ނޯސް، ތުރޯޓު" ދިވެހިކޮށްފި ނަމަ އެއީ "ކަންފަތް، ނޭފަތް އަދި ކަރު" ކަމުން ކިޔަންވާނީ ކ.ނ.ކ ޑަކުޓަރުން ކަމަށެވެ.
ނަމަވެސް އަޝްރަފް އަލީގެ މި ސްޓެޓަސްއާއި ގުޅިގެން މިކަމާއިމެދު ގިނަ ބަޔަކު އަންނަނީ ބަހުސް ކުރަމުންނެވެ. އަޝްރަފްގެ އެ ސްޓެޓަސް އެކި މީހުން ކޮށްފައިވާ ކޮމެންޓް ތަކަށް ބަލާލާއިރު ގިނަ މީހުން ބުނެފައިވަނީ އީއެންޓީ ޑޮކްޓަރުންނަށް ކަރުން މަތީ ޑޮކްޓަރު ކިޔަން ދިވެހިން އާދަވެފައިވާކަމަށާއި ކ.ނ.ކ ޑޮކްޓަރުން ކިޔުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
"ބަހަކީ އެ ބަހަކުން މޮށޭ މީހުންގެ އެއްޗެއް ކަމުގައިވާނަމަ ކަރުންމަތީ ޑަކުޓަރުން ތިބޭނެ" އަޝްރަފްގެ މި ޕޯސްޓް ޝެއަރ ކުރަމުން އެކަކު ބުނެފައި ވެ އެވެ. ދިވެހި ބަހުގެ ކަންކަމާއިމެދު ބަހުސް ކުރަމުން އަންނަ ފޭސްބުކް ގްރޫޕެއް ކަމުގައިވާ "ބަސް ޖަގަހަ" ގްރޫޕްގައި މި ޕޯސްޓް ޝެއަރ ކޮށްފައިވާއިރު އެކަކު ބުނެފައިވަނީ ކަރުން މަތީ ޑޮކްޓަރުންނޭ ބުނީމާ އެއީ އީއެންޓީ ޑޮކްޓަރުންކަން ނޭނގޭ ދިވެއްސެއް މި ފަސްގަނޑުގައި ނުހުންނާނެ ކަމަށާއި އަދި ކާފު ނޫނު ކާފު ޑޮކްޓަރުންނޭ ބުނީމާ އެނގޭ ދިވެއްސަކުވެސް މިފަސްގަނޑުގައި ނުހުންނާނެ ކަމަށެވެ. އެހެން މީހަކު ބުނެފައިވަނީ އީއެންޓީ ކިޔާހާ ފަސޭހައިން ކނކ ނުވެސް ކިޔޭނެ ކަމަށާއި ކނކ އަށްވުރެ ކަރުންމަތީއޭ ކިޔަން ފަސޭހަ ކަމަށެވެ. އެގޮތަށް އެބަސް ހަރުވެފަ އޮންނަތާ ލައްކަ ޒަމާން ވެއްޖެ ކަމަށްވެސް ބުނެފައި ވެ އެވެ.
ޖުމްލަގޮތެއްގައި ބަލާއިރު އަޝްރަފްގެ މި ޕޯސްޓަށް ލިބިފައިވަނީ ނެގަޓިވް ކޮމެންޓްކަން ފާހަގަ ކޮށްލެވެ އެވެ. ނަމަވެސް ރައްދުގައި އަޝްރަފް ވިދާޅުވެފައިވަނީ "ފަސޭހަ ވާނީ ބޭނުން ކުރީމަ" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް