މި މަހުގެ 25 ވަނަ ދުވަހު ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ލޭންޑިންގް ކްރާފްޓް އޮތީ ކާށިދޫ ކަނޑުގެ 550 މީޓަރު އަޑީގައި ކަމަށާއި ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ ފަޅުވެރިޔާ ވަނީ އިންޖީނު ރޫމުގައި ކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން މިކަން ހާމަކޮށްފައިވަނީ ނޫސްވެރިޔާ އަލީ ސުލައިމާނު ފޮނުވި ސުވާލުތަކަކަށް ޖަވާބުދެމުންނެވެ.
އެ ސުވާލުތަކަށް ޖަވާބުދެމުން އެމްއެންޑީއެފްއިން ބުނެފައިވަނީ ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލީ ކާށިދޫ ކަނޑޫގެ ތެރެއިން ޅ. އަތޮޅާއި ފަސް ވަރަކަށް މޭލަށް ކައިވެރިވެފައިވަނިކޮށް، ދިޔަވާން ފަށާ، ކުއްލިއަކަށް ލޭންޑިން ކްރާފްޓް އަރި އަޅާލައިގެންކަން ކެޕްޓަން ވަނީ މަޢުލޫމާތު ދެއްވާފައިވާކަމަށެވެ.
"މިކަން ހިނގައިދިޔަގޮތް އިތުރަށް އެމްއެންޑީއެފް އިން މިކަމަށްޓަކައި ކަނޑައަޅާފައިވާ ބޯޑުން އަންނަނީ ބަލަމުން" ބުނެފައިވެއެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާގޮތުގައި ލޭންޑިން ކްރާފްޓަށް ދިޔަވެގެން އަރިއަޅައިގެންދިޔަ ވަގުތު ލޭންޑިން ކްރާފްޓްގެ ކެޕްޓަނާއި އަދި ވޮރަންޓް އޮފިސަރ ޢަލީ ޙާމިދު އާއި ދެމީހުން ތިބީ ވީލްހައުސް ތެރޭގައެވެ. އަދި އެވަގުތު އިންޖީނު ރޫމުގެ ތެރޭގައި ހުރިކަމަށްވަނީ މިހާރު ގެއްލިގެން ހޯދަމުންދާ ބަންގްލަދޭޝް އަށް ނިސްބަތްވާ ބިދޭސީ ފަޅުވެރިޔާއެވެ. ލޭންޑިންގް ކްރާފްޓް އަރިއަޅައިގެން ދިޔަ ވަގުތު ހަމަ ކުއްލިއަކަށް ބަންޑުންޖަހާލިކަމަށް މިހާރު ލިބިފައިވާ މަޢުލޫމާތުން އެނގެއެވެ.
"ވޮރަންޓް އޮފިސާ 2 ޢަލީ ޙާމިދުގެ ހަށިގަނޑު ނެގީ ބަންޑުން ޖަހާލާފައިވާ ލޭންޑިން ކްރާފްޓްގެ ވީލްހައުސް ތެރެއިން، އަދި ގެއްލުނު ބިދޭސީ ފަޅުވެރިޔާ އިންޖީނު ރޫމުގެ ތެރޭގައި ވީކަމުގެ މަޢުލޫމާތު ވަނީ ލިބިފައި، ސިވެކް ކުންފުނީގެ ލޭންޑިން ކްރާފްޓް ފެތިފައިވަނީ ކާށިދޫ ކަނޑުގެ ތެރެއިން ޅ އަތޮޅާއި 1 މޭލު ދުރުން 550 މީޓަރު އަޑިއަށް" ޖަވާބުގައި ބުނެފައިވެއެވެ.
މި ޙާދިސާއާއި ގުޅިގެން އެމް.އެން.ޑީ.އެފް އިން މިކަން ހިނގައިދިޔަގޮތް ބެލުމަށްޓަކައި އެތެރޭގެ ތަހުގީގެއް ހިންގަމުން އަންނަކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް