ބިދޭސީންގެ ޞިއްޙަތާ ގުޅޭ ސިޔާސަތު "ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ" އިފްތިތާޙުކޮށްފިއެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޞިއްޙަތާ ގުޅޭ ސިޔާސަތު ނުވަތަ "ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ" އިފްތިތާޙްކޮށްދެއްވާފައި ވަނީ މިއަދު މީރުމާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ ސިއްޙަތާ ބެހޭ ސިޔާސަތާއިއެކު ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވެސް ހަމަހަމަކަމާއެކު ސިއްޙީ ޚިދުމަތް ލިބޭނެގޮތް ކަށަވަރުވެގެންދާނެ ކަމަށެވެ.
"ބިދޭސީންގެ މެދުގައި ފެތުރޭ ބަލިތަކުގެ މިންވަރު ކުޑަކުރުމާއި، ސިއްޙީ ޙާލަތު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ބެލެހެއްޓުމާއި ބަލި މީހުންނަށް އެކަށީގެންވާ ފަރުވާއާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމާއި ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް ވެސް މި ޕޮލިސީ އާއެކު ކުޑަކުރަވިގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ ސިއްޙީ ފަރުވާ ކަށަވަރު ކުރެވުމުން މުޅި ޤައުމުގެ ސިއްޙީ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށެވެ.
އަދި ވަޒީފާދޭ ފަރާތަކާއި، މިނިސްޓްރީތަކާއި، ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން މިކަމުގައި އެހީތެރިވެ ދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.
"ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ" އަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސިއްހަތު ރައްކާތެރިކުރުމާއި އެމީހުންނަށް ބޭނުންވާ ސިއްޙީ ފަރުވާއާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެތެރެއިން އެކުލަވާލެވުނު މުހިންމު ސިޔާސަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް