ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންނާއެކު އަންނަ ހަފްތާގައި ސޮއިކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މި 4،000 ފްލެޓު ހަވާލުކުރުން ލަސްވާކަމަށްބުނެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު މުއްޠަލިބު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމް ފަދަ ނާޒުކު މައުޟޫޢުތަކުގެ ދޮގު މައުލޫމާތު ނުފެތުރުމަށް ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ މީހުން ސަމާލުވާންޖެހޭ ކަމަށެވެ.
އަދި ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ތަކުރާރުކޮށް އެތައް ފަހަރަކު ހިއްސާކޮށްފައި ވާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މި ފްލެޓްތަކުގެ މަސައްކަތް ނިމިފައި ނުވާ ކަމަށާއި ނިމުނުހާ އަވަހަކަށް ފްލެޓްތައް އޭގެ ހައްގުވެރި ފަރާތްތަކަށް ދޫކުރަމުން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަންނަ ހަފްތާއިން ފެށިގެން ފްލެޓްތައް ލިބުނު މީހުންނާއެކު ސޮއިކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާއި އެކު ހައުސިން މިނިސްޓްރީން ކުރަމުންދާނެ" މިނިސްޓަރު ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ތަރައްޤީ ކޮށްފައިވާ 4،000 ފްލެޓު ހަވާލުކުރުން ލަސްކުރަމުންދާ ކަމަށް ބުނެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ބުނީ އެ ފަރާތްތަކާ ފްލެޓު ހަވާލުކުރުން މި ސަރުކާރުން ލަސްކުރަމުންދާ ކަމަށާއި ފްލެޓުތައް ހަވާލުކުރުމުގެ އެއްވެސް މަސައްކަތެއް މިއަދާ ހަމައަށްވެސް ސަރުކާރުން ކުރިއަށް ގެންގޮސްފައި ނުވުމަކީ ކަންބޮޑުވުން އެކަމުގައި އިންތިހާއަށް އޮތްކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް