ބޭންކް އޮފް މޯލްޑިވްސް އިން އީކޮމާސް ވެބްސައިޓުތަކުން ކުރާ ވިޔަފާރިން ފީ ނަގާނީ އެންމެ ހަ ވެބްސައިޓުން ކަމަށް ބޭންކުން ބުނެފިއެވެ. އެ ސައިޓްތަކަކީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ.
މި ބަދަލު ގެންނަންޖެހެނީ ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށް ބޭންކުން ބުންޏެވެ. އެހެންނަމަވެސް މީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނެއެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ނުހިމެނެއެވެ.
މީގެ އިތުރުން ބީއެމްއެލްއިން އިން ދުކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަހަކަށް 500 ޔޫއެސް ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ.
ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލުގެ މައިގަނޑު މަޤްސަދަކީ، ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަ ފުރުސަތެއް ދިނުމާއި، ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމެވެ. މީގެ އިތުރުން، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި، ވިޔަފާރީގެ ބޭނުމަށް އަމިއްލަފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށްވެސް ބަދަލުތަކެއް ގެނެވިފައިވެއެވެ
ބީއެމްއެލްއިން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެއިން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައްވެސް ރާއްޖެއިން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، މުދަލާއި ޚިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއިއެކު، އޭޓީއެމްއިން ރާއްޖެއިން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރެވެ. އަދި އޭޓީއެމްއިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދަކީ 10 ޔޫއެސްޑޮލަރެވެ.
ބީއެމްއެލްއިން ބުނެފައިވަނީ، ބޭންކުން އިސްކަންދެނީ ރާއްޖެއިން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދައިދިނުމަށް ކަމަށެވެ. ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް