މަޖިލީހުގައި މިންތީގެ ހަމަހަމަކަން އިތުރުކުރަން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގައި މިންތީގެ ހަމަހަމަކަމާއި ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މިހެން ވިދާޅުވެ...

30 Jun 2025 | 06:08

ރައްޔިތުންގެ މަޖިލީހުގައި މިންތީގެ ހަމަހަމަކަމާއި ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ބައިނަލްއަޤްވާމީ ޕާލިމެންޓެރިޒަމް ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ރައީސް ވަނީ ޤާނޫނުހަދާ މަޖިލީސްތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު ދަށްވުމަކީ ރާއްޖޭގައިވެސް، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާފައެވެ.

"ޑިމޮކްރަސީ ދެމެހެއްޓުމަށާއި ހެޔޮވެރިކަން ކުރިއެރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދާކުރަނީ މުހިންމު ދައުރެއް، ދެފުށް ފެންނަ ގޮތަށް ކަންކަން ބެލެހެއްޓުމާއި ހަރުދަނާ ސިޔާސަތުތައް އެކަށައެޅުމާއި ފަރުވާތެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަކީ ރައްޔިތުންގެ މަޖިލީސްތަކާ މަތިކުރެވިފައިވާ ވަރަށް ބޮޑު ޒިންމާއެއް" ރައީސްގެ ޕޯސްޓުގައި ހަނދުމަފުޅުކޮށްދެއްވިއެވެ.

މީގެ އިތުރުން ޤާނޫނުހަދާ މަޖިލީސްތައް ހަރުދަނާ ކުރުމަށް އެކަށައަޅާފައިވާ އުސޫލުތައް ދަމަހައްޓައި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަގުސަދުގައި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރުމުގެ އަޒުމު އައު ކުރެއްވުމަށް ރައީސްގެ ޕޯސްޓުގައި ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް