އިއްޔެ އެ ހިންގުނީ މި އަހަރު މިހާތަނަށް ހިންގުނު އެންމެ ބޮޑު އޮޕަރޭޝަން، 83 ބިދޭސީއަކު އަތުލައިގަނެވުނު: އިމިގްރޭޝަން

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ދިވެހި ފުލުހުންނާއި ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނަކީ މި އަހަރު މިހާތަނަށް ހިންގުނު މިފަދަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށާއި މި އޮޕަރޭޝަނުގައި 83 ބި...

30 Jun 2024 | 17:14

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ދިވެހި ފުލުހުންނާއި ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނަކީ މި އަހަރު މިހާތަނަށް ހިންގުނު މިފަދަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށާއި މި އޮޕަރޭޝަނުގައި 83 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމުގައި އެ މުއައްސަސާއިން ބުނެފިއެވެ.

އެގޮތުން އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް އިއްޔެ (29 ޖޫން 2024) މާލޭގައި ޚާއްޞަ އޮޕަރޭޝަނެއް ހިންގުނު ކަމަށާއި މިއީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދުގެ އިރުޝާދާއި އެއްގޮތަށް، އިމިގްރޭޝަން އިސްވެ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ގުޅިގެން 2024 ވަނަ އަހަރު މިހާތަނަށް ކުރިއަށް ގެންދެވުނު އެންމެ ބޮޑު ރެއިޑް އޮޕަރޭޝަން ކަމަށެވެ.

"މި އޮޕަރޭޝަންގައި މާލެ ސަރަހައްދުގައި މާރުކޭޓު ގޮތުގައި ހިންގަމުންދާ ހަތަރު ތަނެއް ބަލާ ފާސްކޮށް، ޖުމްލަ 83 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާން ނަގާފައި، މީގެ ތެރޭގައި ޞައްޙަ ވިސާއެއް ނެތް ބިދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނާއި ހުއްދަ ދޫކުރެވިފައިވާ މަސައްކަތްތަކުގެ ބޭރުން އަމިއްލައަށް ވިޔަފާރިކުރާ ބިދޭސީން ހިމެނޭ" އިމިގްރޭޝަނުން ބުނެފައިވެއެވެ.

ހޮނިހިރު ދުވަހު ކުރިއަށް ގެންދެވެނު ރެއިޑް އޮޕަރޭޝަނުގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީން ފުރުވާލުމުގެ މަސައްކަތް ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން ފަށާފައިވާކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނެފައިވަނީ މިގޮތުން މިހާތަނަށް އިމިގްރޭޝަނުން ވަނީ ގަވާއިދާ ޚިލާފަށް އުޅޭ 1800 އަށްވުރެ ގިނަ ބިދޭސީން ފުރުވާލާފައި ކަމަށެވެ.

އިމިގްރޭޝަންގެ މަޤްޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންތައް މުސްތަގްބަލުގައި ވެސް ފުޅާކޮށް، މިފަދަ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ފޭރާމަށް ލިބޭ ގެއްލުން ކުށަކޮށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމުގައިވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް