ޖުލައި މަހުން ފެށިގެން މަސް ގަންނަ އަގު ބާޒާރުގެ އަގަށް ބަލައި ކޮންމެ ހަފްތާއަކު ބަދަލު ގެންނާނެ

މަސްވެރިންގެ ކަންބޮޑުވުންތަކާއި މަސްވެރިކަމަށް ދިމާވެފައިވާ އަގާއި ފައިސާ ނުލިބުމުގެ މައްސަލައެއް ބޮޑު ހައްލެއް ގެނައުމަށް މިފްކޯއިން ބޮޑު ނިންމުމެއް ނިންމައި އެކަން އިޢުލާނުކޮށްފިއެވެ. އެގޮތުން މިފްކ...

30 Jun 2024 | 16:47

މަސްވެރިންގެ ކަންބޮޑުވުންތަކާއި މަސްވެރިކަމަށް ދިމާވެފައިވާ އަގާއި ފައިސާ ނުލިބުމުގެ މައްސަލައެއް ބޮޑު ހައްލެއް ގެނައުމަށް މިފްކޯއިން ބޮޑު ނިންމުމެއް ނިންމައި އެކަން އިޢުލާނުކޮށްފިއެވެ.

އެގޮތުން މިފްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދާއިމީ ހައްލެއް ހޯދުމުގެގޮތުންނާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި އެކެއް ޖުލައިއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސްގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގައްގައި ކަމަށާއި މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް މިފްކޯއިން އިޢުލާންކުރަމުންގެންދާނެކަމަށެވެ.

މީގެ އިތުރުން އެ ނޫސްބަޔާނުގައި ބުނެފައިވަނީ މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަންޖެހިފައިވާ ފައިސާ ސަރުކާރާއި މިފްކޯއާއި ގުޅިގެން ކުރެވުނު މަސައްކަތުން އެކެއް ޖުލައިގައި ދެވިގެންދާނެކަމަށާއި މިފްކޯއިން ބައިނަލްއަގްވާމީ ބާޒާރުގައި މަސްވިއްކުމަށްފަހު ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށެވެ.

"އެކެއް ޖުލައިގައި ދޫކުރާ ފައިސާ ހިމަނައިގެން މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން 353 މިލިއަން ރުފިޔާ ވާނީ މަސްވެރިންނަށް ދޫކޮށްފައި، މީގެ އިތުރުން، މިފްކޯއަށް ލިބިފައިވާ އާމްދަނީއިން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ވާނީ ދޫކޮށްފައި، މިގޮތުން ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު ވަނީ މަސް ދޯނިފަހަރަށް ދޫކުރެވިފައި، މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން" މިފްކޯއިން ބުނެފައިވެއެވެ.

މީގެ އިތުރުން، މިފްކޯގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރުގޮތް ގޮތް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާއި ގުޅޭ ވުޒާރާތަކާއި ގުޅިގެން އަޅަމުންދާނެކަމަށާއި މިކަމުގެ ތަފްސީލްތައް މީޑިއާއާއި ގަވާއިދުން ހިއްސާކުރަމުންދާނެ ކަމުގައިވެސް މިފްކޯއިން މިއަދު ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް