ކީރިތި ޤުރްއާން ހިތުދަސް ކުރާ ދަރިވަރުން ޢުމްރާގެ މަތިވެރި އަޅުކަމަށް ފޮނުވުމުގެ މަޝްރޫއުއެއް ފެށުމަށް ހަމަޖެހިފައިވާކަމަށާއި،ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ޤުރުއާން ހިފްޒު ކުރަމުންދާ ދަރިވަރުންގެ ތެރެއިން މަހަކު ތިން ފޮތަށްވުރެ ގިނައިން ހިތުދަސް ކުރާ ދަރިވަރުންނަށް ޕޮކެޓު މަނީއެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން މިއަންނަ އަހަރުން ފެށިގެން ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މަހަކު 3 ފޮތަށްވުރެ ގިނައިން ހިތުދަސް ކުރާ ކުދިންނަށް ޕޮކެޓު މަނީ ދިނުމަށް ހަމަޖެހިފައިވާކަންވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
ވަޒީރު މިކަން ހާމަ ކުރެއްވީ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ވަޒީރު ވިދާޅުވީ، މި މަޝްރޫއު ފެއްޓެވުމުގެ ގޮތުން ފުވައްމުލަކުން ޤުރުއާން ހިތުދަސްކުރި 7 ދަރިވަރަކު ކުރިއަށް އޮތް 2 މަސްތެރޭގައި އުމްރާއަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ.
މީގެ އިތުރުން ވަޒީރު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިޒުގެ ސަރުކާރުން ކީރިތި ޤުރްއާނަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާކަމަށާއި އެކަން އެމަނިކުފާނުގެ މެނިފެސްޓޯގައި ބަޔާން ކުރެވިފައިވާނެކަމަށާއި އެކަން ހާސިލް ކުރުމަށް ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒަށް ވުޒާރާގެ ފަރާތުން ދޭން ޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
"އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުން ފެށިގެން ކޮންމެ މަހަކު ތިން ފޮތަށްވުރެ ގިނައިން ދަސް ކުރާ ކުދިންނަށް ހާއްސަ ޕޮކެޓު މަނީއެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން،" ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފެއްޓެވުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ޤުރުއާން ހިފްޒުކުރުމުގެ މަޝްރޫއުތައް ކުރިއަށްވުރެ ވަރުގަދަކޮށް ހިންގަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް