ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ފުރިހަމަ ޒިންމާ އަދާކުރައްވާނެކަމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
ޝަމްޢާން މިހެން ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އޮޕަރޭޝަނެއް ފަށާފައިވާއިރު މި އޮޕަރޭޝަނާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެ ޕޯސްޓްގައި ޝަމްޢާން ވިދާޅުވެފައިވަނީ ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ފަށާފައިވާ ޖޮއިންޓް އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާއި އެ ފަރާތްތަކުގެ ތެރޭގައި ޞައްޙަ ހުއްދަނެތި އަދި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރިކުރާ ފަރާތްތަކެއް ދެނެގަނުވުނު ކަމަށެވެ. އަދި އުސޫލުގެ ތެރެއިން އެ ފަރާތްތައް ރާއްޖެއިން ޑީޕޯޓްކޮށް ފޮނުވާލެވޭނެކަމަށެވެ.
"ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅަކަށް ވީހިނދު، މި މަސައްކަތުގައި އިމިގްރޭޝަންގެ ފުރިހަމަ ޒިންމާ އަދާކުރަމުންދާނެކަމުގެ ޔަޤީންކަން އެންމެހާ ފަރާތްތަކަށް އަރުވަން" ޝަމްޢާން އެކްސްގައި ވިދާޅުވެފައިވެއެވެ.
ރޭގައި ފުލުހުން ބުނެފައިވާގޮތުގައި މި އޮޕަރޭޝަންގައި 50 ފަރާތެއް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް