ދިވެހި ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފިއެވެ.
ދިވެޙި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ލާޒިމްކުރާ ކަންކަން ކުރުމަށްޓަކައި ބޭނުންވާ އެންމެހާ ކަންކަން ހަމަޖެއްސުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތު އިދާރީ ހިންގުމުގެ އޮނިގަނޑު އަލުން އެކުލަވާލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނެސް، އެބަދަލުތަކަށް 2024 ޖުލައި 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށޭނެ ކަމަށް ދިވެހި ފުލުޙުންގެ އިދާރާއިން ވަނީ ބުނެފައެވެ.
އެގޮތުން ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި، މުޅި އޮނިގަނޑު ވަނީ ލޯކަލް ޕޮލިސިންގ ރީޖަންތައް ހިމެނޭގޮތަށް ކޮމާންޑް/ ޑައިރެކްޓްރޭޓް ލެވަލްގެ 17 ބަހާއެއްގެ މައްޗަށް ބައްޓަންކޮށްފައެވެ. އަދި ކޮމާންޑް ލެވަލްގައި ގޭންގް ކްރައިމް އެންފޯސްމަންޓް، ޑިޖިޓަލް ޓޭޑާ އެންޑް ޓެކްނޮލޮޖީ ބަހާއެއް ގާއިމްކޮށް، ޑޭޓާ ޑްރައިވަން އަދި ޒަމާނީ މުއައްސާސާއެއް ބިނާ ކުރުމަށްޓަކައި ޑިޖިޓަލް ކޮމާންޑެއް ވަނީ މުޅިން އަލަށް ޤާއިމް ކޮށްފައި ކަމަށް ފުލުހުންގެ އެ ޕްލޭންގައި ވެއެވެ.
މީގެ އިތުރުން ހުޅުމާލޭގައި ކުރެވޭ ޕޮލިސިން އިތުރަށް ހަރުދަނާކޮށް ތަނާ އެކަށީގެންވާ ޕޮލިސިންގ ހިދުމަތެއް ދިނުމަށްޓަކައި ހުޅުމާލެ ޕޮލިސްގެ ނަމުގައި ވަކި ޕޮލިސިންގ ކޮމާންޑެއް ވަނީ ގާއިމްކޮށްފައެވެ. އަދި ސްކޭމްގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރުމަށްޓަކައި އެންޓި ސްކޭމް ސެންޓަރެއް ގާއިމްކުރުމުގެ އިތުރުން މާލެއާއި ހުޅުމާލޭގައި ޓްރެފިކް ޕޮލިސް ވަނީ ގާއިމްކޮށްފައެވެ.
އިދާރީ ހިންގުމުގެ އޮނިގަނޑަށް އަންނަ ބަދަލާއެކު ގޭންގް ކުށްތައް މަދުކުރުމަށްޓަކައި އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަކީ ފުލުހުން ޙާއްސަ ސަމާލުކަމެއް ދޭ ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ތަޢުލީމާއި ތަމްރީނާ ގުޅޭގޮތުން ކޮމާންޑް/ ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކުގެ ވެރިންވަނީ އައްޔަންކޮށްފައެވެ. މީގެއިތުރުން ފުލުހުންގެ ގަވަރނަންސް ނިޒާމް ހަރުދަނާކޮށް ޒަމާނާ އެއްގޮތަށް ބައްޓަންކުރުމަށްޓަކައި ޚިދުމަތްތައް ތަރުތީބު ކުރެވިގެން ދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި އަވަސް އަދި އިތުބާރު ކުރެވޭ ޚިދުމަތުގެ ނިޒާމެއް އެކަށައެޅުމަކީވެސް މުހިންމު ދާއިރާއެއްގެ ގޮތުގައިވަނީ އެ ޕްލޭނުގައި ހިމަނާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް