ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފި

ރާއްޖޭގެ މޫސުން ގޯސްވެފައިވާކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވާއިރު ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ. އެގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ ...

30 Jun 2022 | 15:24

ރާއްޖޭގެ މޫސުން ގޯސްވެފައިވާކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވާއިރު ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.

އެގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއޮތް ތިން ދުވަހު ވިއްސާރަކޮށް،  ގުގުރާ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤަޢުމީ އިދާރާއިން ވަނީ ލަފާކޮށްފައި ކަމަށާއި އަދި، މިރެއިން ފެށިގެން ހަފުތާ ބަންދާއެކު ޚާއްޞަކޮށް އުތުރުއާއި މެދުރާއްޖެތެރޭގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވާތީވެ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ. އަދި މި ދުވަސްވަރަކީ ސްކޫލު ބޮޑުޗުއްޓީގެ ދުވަސްވަރަށްވެފައި ގިނަބަޔަކު ކަނޑުމަގުން ދަތުރުކުރާނެކަމަށް ލަފާކުރެވޭތީވެ، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސްކުރާކަމަށެވެ.

އޮޑިވެރިންނާއި، ކެޕްޓަނުން އަދި ފަޅުވެރިންނާއި ދަތުރުތަކުގައި ބައިވެރިވާ ޢާއިލާތަކާއި ރަހްމަތްތެރިން ވެސް މި ދަތުރު ކުރެއްވެނީ ސަލާމަތާއި ރައްކާތެރި އުޅަނދެއްގައިކަން ޔަޤީންކުރެއްވުމަށްފަހު ކަނޑުމައްޗަށް އެރުއްވުމަށް ކޯސްޓްގާޑުން އިރުޝާދު ދެއެވެ. އަދި ދަތުރު ކުރައްވާއިރު އެއްވެސް ކަމެއް ދިމާވެއްޖެނަމަ، ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުން ކޯސްޓްގާޑުން އެދެއެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ބައްލަވައި ރައްކާތެރި މަގެއް ޚިޔާރުކުރައްވައި ދަތުރުކުރެއްވުމަށް ވެސް އިލްތިމާސް ކުރެއެވެ. ފާއިތުވެ ދިޔަ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ކޯސްޓްގާޑުން ކަނޑުމަތީގެ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބަލަމުން ގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް