މިހާރުއޮތް ވެރިކަމުގެ ނިޒާމަކީ އޮޅުން ބޮޅުން ގަނޑެއް - މި ވެރިކަމުގެ ތެރެއިން ހެޔޮ ވެރިކަމެއް ނުކޮށްދެވޭނެ: އީވާ

މިހާރުއޮތް ވެރިކަމުގެ ނިޒާމަކީ އޮޅުން ބޮޅުން ގަނޑެއް ކަމަށާއި މި ނިޒާމަކީ ހެޔޮ ވެރިކަމެއް ކޮށްދެވޭނެ ނިޒާމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އީވާ މިހެ...

30 Jun 2022 | 09:58

މިހާރުއޮތް ވެރިކަމުގެ ނިޒާމަކީ އޮޅުން ބޮޅުން ގަނޑެއް ކަމަށާއި މި ނިޒާމަކީ ހެޔޮ ވެރިކަމެއް ކޮށްދެވޭނެ ނިޒާމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ ޤާނޫނު އަސާސީއަށް އަހުމަދު ތޯރިގު ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް ހުށަހެޅި އިސްލާހަށް ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ޖޭއެސްސީއަށް އިސްލާހު ގެންނައިރު ޤާނޫނު އަސާސީއަށް ވެސް އިސްލާހު ގެނައުން މުހިންމު ކަމަށެވެ.

މިހާރުއޮތް ވެރިކަމުގެ ނިޒާމަކީ އޮޅުން ބޮޑުން ގަނޑެއްގެ ތެރެއިން ހެޔޮ ވެރިކަމެއް ކޮށްދެވޭނެ ނިޒާމެއް ނޫން ކަމަށާއި މިވެރިކަމަކީ އެމްޑީޕީގެ ކޯލިޝަނެއް ނަމަވެސް ކޯލިޝަންގައި އެމްޑީޕީގެ ދައުރު ކުޑަކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ހިނގަމުންދަނީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި އެއްގޮތަށް ނޫން ކަމަށާއި އީވާ ވިދާޅުވީ ވެރިކަމާއި ކޯލިޝަން އެބައޮތް ކަމަށާއި އެހެން ނަމަވެސް މިކޯލިޝަންގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އޮތީ މާކަ ހިތްހަމަ ޖެހިގެންކަން ބުނެވޭކަށް ނެތް ކަމަށެވެ.

އެގޮތުން ރައީސް ނަޝީދަކީ އެމްޑީޕީގެ މިވެރިކަން ކުރާ ކޯލިޝަންގެ ބޮޑު ހިއްސާ އޮތް ޕާޓީގެ ރައީސް ކަމަށާއި އެމަނިކުފާނު މިޕާޓީގެ ހިއްސާ ވެރިކަމުގެ ތެރޭގައި އޮތް މިންވަރާއި ދޭތެރޭގައި ހިތްހަމަ ޖެހިވަޑައި ނުގަންނަވާކަން އެއީކީއެއް ސިއްރެއްނޫން ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

"މިވެރިކަމުގެ ތެރޭގައި ހިއްސާ އޮތްމިންވަރާމެދު ގަޔާނުވޭ. މިވެރިކަމަކީ އެމްޑީޕީގެ ވިސްނުމުގައި ހިނގާ ކޯލިޝަން ވެރިކަމެއް ނޫން. އަދި މިހާރު ވެރިކަންދާ ގޮތަކުން އެއްދުވަހު އިރުއަރާއިރު މިއީ އެމްއާރުއެމްގެ ވެރިކަމެއްކަމަށްވެސް ސިފަވޭ. އަދި އިރުއޮއްސޭއިރު މިއީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްހެންވެސް ހީވޭ." އީވާ ވިދާޅުވިއެވެ.

އިވާ ވިދާޅުވީ ވެރިކަން އޮތީ ބޮޑު އޮޅުން ސުވާލު ގަނޑެއްގެ ތެރޭގައި ކަމަށާއި މިހުރިހާ ކަމެއް ދިމާވަނީ މިހާރު އޮތް ނިޒާމުގެ ތެރެއިން ކަމަށެވެ. ރިޔާސީ ނިޒާމުގެ ތެރެއިން ހެޔޮ ވެރިކަމެއް ހޯދުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި ރައްޔިތުން ވޯޓު ނުދޭ ބަޔަކަށް ވެރިކަމުގެ ޕަސެންޓު ދީގެން ވެރިކަން ކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށް ވެސް އީވާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް