ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ތައްޔާރުވުމާ ގުޅިގެން ނޫސްވެރިން އިހުތިޖާޖުކޮށްފި

ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ތައްޔާރުވުމާ ގުޅިގެން އެކަމާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖުކޮށްފިއެވެ. މަޖިލިސް ކައިރީގައި މިއަދު ހެނދުނު 10:30ގައި ހިމޭން އިހުތިޖާޖެއް ފެށީ މަސްދަރ...

30 Jun 2022 | 08:20

ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ތައްޔާރުވުމާ ގުޅިގެން އެކަމާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖުކޮށްފިއެވެ.

މަޖިލިސް ކައިރީގައި މިއަދު ހެނދުނު 10:30ގައި ހިމޭން އިހުތިޖާޖެއް ފެށީ މަސްދަރު ހާމަކުރެވޭ ހާލަތްތައް ހަނިކުރުމަށް އެމްޖޭއޭ އިން އިއްޔެ ކަރުދާހެއް ހުށަހަޅާފައި ވަނިކޮށް، އެ ކަރުދާހުގައި ހުރި ކަންކަމަށް ރިއާޔަތް ކުރުމެއް ނެތި މިއަދު ބިލު ފާސްކުރަން އެޖެންޑާކޮށްފައި ވާތީއެވެ.

ނޫސްވެރިންގެ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރެވޭ ގޮތަށް އޮތް މާއްދާއާއެކު، މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ހުށަހަޅައި ކޮމިޓީން ފާސްކޮށްފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ، ނޫސްވެރިޔަކަށް މީހަކު މައުލޫމާތު ދިނީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމަށް އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާ ނަމަ، އެ މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.

އެކަމަކު މި މާއްދާގެ (ށ) ގައި ބުނަނީ، އެ މާއްދާގެ (ހ) ގައި އެހެން އޮތް ނަަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރުވިދާނެ ކަމަށެވެ.

އެގޮތަށް މަޖުބޫރު ކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ އާއި މައުލޫމާތު ދޭ ފަރާތްތަކާ ހަމައަށް ނޫސްވެރިންނަށް ވާސިލުވުމުގެ ގާބިލުކަމަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ ބަލަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ މާއްދާއަކީ ނޫސްވެރިންނާއި މައުލޫމާތު ދޭން ތިބޭ ފަރާތްތަކަށް ކުރިމަތިވާނެ ގޮންޖެހުމަކަށްވާތީ އެ މާއްދާ އުނިކުރަން މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް މީގެ ކުރިން ވަނީ ކޮމިޓީގައި އެދިފައެވެ.

މަޖިލިސް ކައިރީގައި އިހުތިޖާޖުކުރަމުން އަންނަ ނޫސްވެރިންނާ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް މެމްބަރުން ވަނީ ބައްދަލުކުރައްވާފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދިނުލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް