ސްކޫލު ޗުއްޓީގައި ކުދިންނަށް އަމިއްލައަށް ކަންކަން ކުރަން ދަސްކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރައްވާ އެކުދިންނަށް އެކަންކަން ދަސްކޮށްދިނުމަސް ރައީސުލްޖުމްހޫރިއްޔާގެ އަނބުކަނބަލުން ފަޒްނާ އަޙުމަދު އެދިވަޑައިގެންފިއެވެ.
އެކަމަނާ މިފަދައިން އެދިވަޑައިގެންނެވީ ބްރިޖް ލިޓްލް ލަރނަރސް ޕްރީސްކޫލްގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ސްޓެލްކޯގެ ސެމިނަރ ހޯލްގައި ބޭއްވި މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ ކުދިން އަމިއްލައަށް ފާޚާނާއަށް ގޮސް ތާހިރުވާން ދަސްކޮށްދިނުންފަދަ ކުއްޖާއަށް އެކަނި ކުރެވޭނެ ކަންކަން ޗުއްޓީތެރޭގައި ދަސްކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ދަރިވަރުންނާއި ބެލެނިވެރިންނާއި މުޚާތަބު ކުރައްވައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ކުދިންނާއި ބެލެނިވެރިން ވެސް ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށާއި ޗުއްޓީގެ އުފާވެރިކަމާއި ތަޖުރިބާތައް ކުދިންނަށް ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ޕްރީސްކޫލް ނިންމައި ދަރިވަރުން ޕްރައިމަރީ މަރުހަލާ ފަށަން ތައްޔާރުވާއިރު ޗުއްޓީތެރޭގައި ކުދިންނަށް ގްރޭޑް ފޮތްތައް ބެލެނިވެރިން ކިޔަވައިދޭކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ އެހެން ހެއްދެވުމުން ސްކޫލަށް ކުދިންގޮސް ހަމަ އެފިލާވަޅުތައް ހަދަންޖެހުމުން ފޫހިވާ ގޮތް މެދުވެރިވާ ކަމަށެވެ.
އެހެންކަމުން ސްކޫލު ޗުއްޓީގައި ކުދިންނަށް އަމިއްލައަށް ކަންކަން ކުރަން ދަސްކޮށްދިނުމުގެ މުހިއްމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިގޮތުން ކުދިން އަމިއްލައަށް ފާޚާނާއަށް ގޮސް ތާހިރުވާން ދަސްކޮށްދިނުންފަދަ ކުއްޖާއަށް އެކަނި ކުރެވޭނެ ކަންކަން ޗުއްޓީތެރޭގައި ދަސްކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި ޕްރީ ސްކޫލުތަކަށް މުޖުތަމަޢާއި އަމިއްލަފަރުދުން އަދި ސަރުކާރުގެ ކުންފުނިތަކުން ވެދޭ އެހީތެރިކަން ފާހަގަ ކުރެއްވިއެވެ. އަދި މިހަފްލާގައި ގުރެޖުއޭޓްވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވާހަކައެއްވެސް ވިދާޅުވެދެއްވާފައެވެ.
މިހަފްލާގައި ބްރިޖް ލިޓްލް ލަރނަރސް ޕްރީ ސްކޫލުން ދަސްވެނިވި ހުރިހާ ދަރިވަރުންގެ ނަން ހިމެނޭ ކުރެހުމެއް ސްކޫލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދަށް ހަދިޔާކުރެއްވިއެވެ.
ބްރިޖް ލިޓްލް ލަރނަރސް ޕްރީ ސްކޫލަކީ 233 ކުދިންނާއި އެކު 2012 ވަނަ އަހަރު ފެށުނު ޕްރީސްކޫލެކެވެ. މިއަހަރުގެ ޖޫން މަހު ސްކޫލުގެ ނަން ވަނީ ޗައިމްސް ޕްރީ ސްކޫލުގެ ނަމަށް ބަދަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް