ރޭގައި ކަނޑުމަތީގެ ހަތް ހާދިސާ: މަހާ ޖައްރާފު ކަހާލި، ދޯންޏެއް ބަންޑުން ޖަހާލައި މީހަކު ގެއްލުނު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވުމާ ގުޅިގެން ހިނގި ކަނޑުމަތީގެ ހަތް ހާދިސާއެއްގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެފައިވާކަން އެމްއެންޑީއެފުން ހާމަކޮށްފިއ...

30 Jun 2022 | 03:23

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވުމާ ގުޅިގެން ހިނގި ކަނޑުމަތީގެ ހަތް ހާދިސާއެއްގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެފައިވާކަން އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެގޮތުން "ކުރޫޒަރ 3" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުންޖަހާލައި މީހަކު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް މިރޭ 19:59 ހާއިރު ލިބުމާ ގުޅިގެން ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ވަނީ ޑައިވަރުންނާއެކު ހަރަކާތްތެރިވެފައިވާކަމަށާއި ނަމަވެސް، 20:20 ހާއިރު މި ދޯނިން ގެއްލުނު މީހާ ފެނިފައިވާކަމަށާއި އިތުރު އެހީތެރިކަމެއް ބޭނުން ނުވާކަމަށް ރިޕޯޓްކުރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރކްރާފްޓް ލޯންޗު ވަނީ އެހެން ހާދިސާއަކަށް އެޓެންޑްވެފައިކަމަށް ބުނެފައިވެއެވެ.

މޫސުން ގޯސްވެ، ރޭ ހިނގި އިތުރު ހާދިސާއެއްގައި ތުޅާގިރި ކައިރިން މާލެ ދަތުރުކުރަމުންދިޔަ "ޑެންގޫ ލޯންޗް" ނަމަކަށް ކިޔާ ލޯންޗެއް ކަނޑުގަނދަވެ ނުދުއްވިގެން ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އެމްއާރުސީސީއަށް ރޭ 20:15 ހާއިރު ލިބުނު ކަމަށާއި މި އުޅަނދުގެ ހާލަތު ބެލުމަށް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ވަނީ ޑައިވަރުންނާއެކު އެ ސަރަހައްދަށް ދިޔުމަށް ހަރަކާތެރިވިކަމަށް ބުނެފައިވެއެވެ. އަދި ފަހުން އެ ލޯންޗުގެ ދިޔަވުން ކޮންޓްރޯލްކުރެވި، އެ ސަރަހައްދުގައި ހަދަމުންދާ "ލޯބިގިލި" ރިސޯޓުގެ ބަނދަރަށް ވަދެފައިވާ ކަމަށް އުޅަނދުގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދިންކަމަށް ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނެފަައިވާގޮތުގައި ރޭ ކޯސްޓްގާޑަށާ ރިޕޯޓް ކުރި އަނެއް ހާދިސާއަކީ، ކ.ގިރާވަރު ކައިރިން ދަތުރުކުރަމުންދިޔަ 22 ފޫޓްގެ "ލޮނު ޓެއިލްސް" ނަމަކަށް ކިޔާ ލޯންޗެއް ބަންޑުންޖަހާލި ހާދިސާއެވެ. އެ ހާދިސާގެ ރިޕޯޓް ރޭ 20:40 ހާއިރު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސޮޑްރަންގެ ހާބަރކްރާފްޓް ލޯންޗް އެސަރަހަށްދަށް ގޮސް އެ ލޯންޗުން ދަތުރުކުރި ހަތަރު މީހުން ވަނީ ރޭ 21:26 ހާއިރު މާލެ ގެނެސްދީފައި ކަމަށާއި އެ ހަތަރު މީހުންގެ ހާލު ވެސް ރަނގަޅު ކަމަށްވެސް ބުނެފައިވެއެވެ.

ރޭ ހިނގި އިތުރު ހާދިސާއެއްގައި ކ.ގާފަރު ކައިރިން ދަތުރުކުރަމުންދިޔަ "ލަކީ ސްޓާރ" ނަމަކަށް ކިޔާ ލޯންޗެއް މޫސުން ގޯސްވެ، ދިޔަވާކަމުގެ މަޢުލޫމާތު ރޭ 20:08 ހާއިރު ވަނީ އެމްއާރުސީސީއަށް ލިބިފައިވާކަމަށް ބުނެފައިވެއެވެ. އެ ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެފްއައިސީ ވެލާނާ ލޯންޗުގައި ޑައިންވަރުންނާއެކު ސްޓޭންޑްބައި ކުރެވުނު ކަމަށާއި ނަމަވެސް އެ އުޅަނދު ދިޔަވުން ކޮންޓްރޯލްކުރެވި ސަލާމަތްތެރިކަމާއެކު، ކ.ގާފަރު ބަނދަރަށް ވަދެފައިވާކަމަށް މައުލޫމާތު ލިބުނުކަމަށް ބުނެފައިވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެމްޕީއެލް ސަރައްދުގައި އޮތް ދެ ބާޖެއް ވައު ކަނޑައިގެން ގޮސް ފުނަދޫއާ ކައިރިވަމުންދިޔަ ކަމުގެ މަޢުލޫމާތު ވެސް ރޭ 20:49 ހާއިރު ވަނީ އެމްއެންޑީއެފް ކޯސްޓްގާޑު އެމްއާރުސީސީއަށް ލިބުނު ކަމަށާއި ނަމަވެސް އެމްޕީއެލްގެ ޓަގް ބޯޓްތައް ނެރެ މި ދެ ބާޖު އެމްޕީއެލް ސަރަހައްދަށް ވެއްދިކަމަށް ބުނެފައިވެއެވެ.

ރޭ ކުރި ވިއްސާރާގައި އެމްޓީސީސީގެ "މަހާޖައްރާފާ" ގެ ނަގިލި ކަހާލައިގެން ފަރަކާ ކަރިވަމުންދިޔަކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ރޭ 20:50 ހާއިރު ލިބުމާ ގުޅިގެން ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން ސްޓޭންޑްބަައި ކުރެވިފައިވާކަމަށާއި ފަރާ ކައިރިވިނަމަވެސް "މަހާޖައްރާފާ" ފަރަށް އަރާފައެއް ނުވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މިހާދިސާތަކުގެ އިތުރުން ފަތުރުވެރިން ގޮވައިގެން ކ.ރީތިރަށް ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ރީތިރަށް ކައިރީގައިވާ ފިނޮޅަކަށް ބީހުނުކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ވަނީ ރޭ ލިބިފައިވާކަމަށާއި އެ ހާދިސާ ހިނގުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެކި ފަރާތްތަކާ ކޯޑިނޭޓްކޮށްފައިވާކަމަށާއި އެ ލޯންޗުގައި ތިބި ފަތުރުވެރިން، ރީތިރަށް ރިސޯޓުން ފޮނުވި އެހެން ލޯންޗެއްގައި ވަނީ އެ ރިސޯޓަށް ގެންގޮސްފައިކަމަށް ބުނެފައިވެއެވެ.

ރޭ ކަނޑުމަތީގަިއ ހިނގި ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް