އިންޑިއާގެ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ދުވުންތެރިޔާ ރާއްޖެ ތަމްސީލް ކުރި ކަމަށް ބުނާ ވާހަކަ އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ދޮގު ކޮށްފި އެވެ.
އިންޑިއާގައި ކުރިޔަށް ގެންދިޔަ މި މުބާރާތް ބޭއްވީ މި މަހު 25 އިން 29 އަށެވެ. އެހެން ގައުމުތަކުންވެސް ވާދަ ކުރި މި މުބާރާތުގައި އަންހެނުންގެ ހަތަރެއް ގުނަ 100 ގެ ރިލޭގައި ރާއްޖޭގެ ޓީމުގައި ހިމެނޭ ކުޅުންތެރިން ވާދަކުރީ އިންޑިއާ އެތުލީޓަކު ޓީމުގައި ހިމަނައިގެންނެވެ.
މިކަމާއި ގުޅިގެން އެތްލެޓިކްސް އެސޯސިއޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ބައިނަލްއަގުވާމީ ގޮތުން އެ ގައުމެއްގެ ރަށްވެހިކަން ނޯންނަ އެތުލީޓަކަށް ގައުމެއް ތަމްސީލްކުރުމުގެ ފުރުސަތެއް ނޯންނަ ކަމަށެވެ. އެ ފަދަ އުސޫލާ ހިލާފުކަމެއް އެ އެސޯސިއޭޝަންގެ ފަރާތުން ނުކުރާނެ ކަމަށް ބުނެފަ ވެއެވެ.
ބަޔާނުގައި ބުނީ މުބާރާތަށް ދިޔައީ ރާއްޖޭގެ އަންހެން ރިލޭ ޓީމުގެ ޖުމްލަ ތިން އެތުލީޓުންނެވެ. އެކަމަކު ފަހު ވަގުތު އޭގެން އެއް ކުޅުންތެރިއަކު ކޯވިޑަށް ޕޮސިޓިވްވުމުން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލުނީ ކަމަށާއި ރާއްޖޭގެ އަންހެން ޓީމު ތިން އެތުލީޓުންނަށް ވުރެ މަދުވުމުން މުބާރާތުގައި ވާދަކުރުމުގެ ފުރުސަތުވެސް އަންހެން ޓީމަށް ގެއްލިފައިވާ ކަމަށެވެ.
އެހެންވެ މި މުބާރާތުގައި ރާއްޖޭގެ ގައުމީ އަންހެން ރިލޭ ޓީމު ވާދަކޮށްފައިނުވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ. އެތްލެޓިކްސް އެސޯސިއޭޝަނުން ބުނީ އޭގެ ބަދަލުގައި ރިލޭ އިވެންޓުގައި ވައިވެރިވުމަށް ޓީމު ހަމަކުރުމަށް އިންޑިއާ ދުވުންތެރިޔާ ހިމެނީ ދެން ދުވި ދެ ދިވެހި އެތްލީޓުންނަށް ތަޖުރިބާގެ ފުރުސަތެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ކުރެވުނު މަސައްކަތުން މުބާރާތް އިންތިޒާމްކުރާ ފަރާތުން ރާއްޖޭގެ ތިން އަންހެން އެތުލީޓުންނަށް ފުރުސަތު ދޭން ނިންމީ އިންޑިއާގެ އެތުލީޓަކު ހިމަނައިގެން ވާދަކުރެވޭ ގޮތަށް ކަމަށާއި އޭގެ ބޭނުން ހިފަން އެސޯސިއޭޝަނުން ނިންމީ ކަމަށެވެ. މިއީ ރާއްޖޭގެ ގައުމީ އަންހެން ރިލޭ ޓީމަށް ލިބުނު ފުރުސަތެއް ނޫން ކަމަށާއި މިއީ އެ އެތުލީޓުންނަށް ދިން ފުރުސަތެއް ކަމަށް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
އިންޑިއާ ދުވުންތެރިޔާ ހިމަނައިގެން ދުވި އަންހެން ރިލޭގައި ވަނީ ގައުމީ ރެކޯޑު އާކޮށްފައި އެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ މިއީ ރާއްޖޭގެ ގައުމީ ޓީމު ވާދަކުރި އިވެންޓެއް ކަމަށް ނުވާތީރާއްޖޭގެ ރެކޯޑް ޓައިމިން ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ވެސް އަދި ދުނިޔޭގެ ފެޑެރޭޝަނުން ވެސް ބަލައިނުގަންނާނެ ކަމަށެވެ.
އިންޑިއާ ދުވުންތެރިޔާ ރާއްޖޭގެ ޓީމުގައި ވާދަ ކޮށްފައިވާނީ ލައިގެން ހުރީ ރާއްޖޭގެ ޖާޒީ އެވެ. އެސޯސިއޭޝަނުން ބުނީ އެއީ ތަމްރީންތަކުގައި ބޭނުން ކުރާ ޖާޒީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް