ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގެ ވެރިންނާއި މުވައްޒަފުންގެ ކަރާމާތަށް ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގެ ބައެއް ޕޯސްޓުތަކުގައި އަރައިގެންނާތީ ހިތްހަމަ ނުޖެހިގެން ފިޔަވަޅު އަޅައިދޭން އެދެފި އެވެ.
މިގޮތަށް އެދިފައިވަނީ އިންޑިއާ ހައި ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި އެވެ. މި ސިޓީ ފޮނުވިކަން "ދުވަސް"އަށް ވަމީ ކަށަވަރުވެފައި އެވެ.
އެކަމަކު ރަސްމީކޮށް އިންޑިއާ ހައި ކޮމިޝާނައި މިނިސްޓްރީން ސިޓީ އާއި ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެ އެވެ.
ސިޓީގައި އެދިފައިވަނީ އިންޑިއާ ޑިޕްލޮމެޓުންގެ ކަރާތާތަށް އަރައިގެންނަ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށެވެ. އެގޮތަށް އެދިފައިވަނީ ޑިޕްލޮމޭޓުންގެ ރައްކާތެރިކަމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް" ގެ 29 ވަނަ މާއްދާގެ ދަށުންނެވެ.
އިންޑިއާއިން އެދިފައިވަނީ މައިގަނޑު ދެ ފިޔަވަޅެއް އަޅައިދިނުމަށެވެ. އެއީ އިންޑިއާގެ ހައިި ކޮމިޝަނާއި ޑިޕްލޮމެޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްދިނުމެވެ. ދެވަނަ ކަމަކީ ނަަފުރަތާއި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް، ބައިނަލްއަގްވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުތަކުގައިވާ ފިޔަވަޅުތައް އަޅައި ދިނުމެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން އިންޑިއާ އާއި ހާއްސަ ގާތް ގުޅުމެއް ބާއްވާތީ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ފާޅުގައި އެއްޗެހި ކިޔަމުން ދާއިރު އާންމުން ހިތްހަމަ ނުޖެހުންތައް އޮއްސަމުން ދަނީ ސޯޝަލް މީޑިއާގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް