ގައިދުރުކަމާއެކު ޖަމާއަތް ހަދައިގެން މިސްކިތްތަކުގައި ނަމާދުކުރުން މިރޭގެ ފަތިސް ނަމާދުން ފެށިގެން ކުރިއަށް ގެންދެވޭނެ ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން މިހެން ބުނެފައިވަނީ މިކަމާއި ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ކޮވިޑާއި ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް މާދަމައިން ފެށިގެން ލުއިތަކެއް ދޭން ދައުލަތުން ނިންމާފައިވާތީ މިރޭ ފަތިސް ނަމާދުން ފެށިގެން ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ ހުރިހާ މިސްކިތްތަކެއްގައި ގައިދުރުކަމާއެކު ޖަމާއަތުގައި ނަމާދު ކުރެވޭގޮތަށް ހުޅުވާލާ ވާހަކަ އާންމު ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވާކަމަށެވެ.
"މި ހާލަތުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ފެށިކަމުގައިވިއަސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން މިނިސްޓްރީންނާއި ދައުލަތުން ކަނޑައަޅުއްވާ ކަންތައްތަަކށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ" އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން މިސްކިތަށް ވަޑައިގަންނަވާއިރު މާސްކު އެޅުއްވުމަށާއި މުސައްލަ ގެންދެވުމަށާއި ތިމާއާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ގައިދުރު ކަމާއެކު ނަމާދުގެ ޖަމާއަތްތައް ހެދުމަށް ހަނދުމަފުޅުކޮށް އަރުވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ ހުރިހާ ހާލަތެއްގައިވެސް ކަމާގުޅޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށާއި، މި ހާލަތުން ސަލާމަތްކޮށްދެއްވައި ރައްކާތެރިކޮށްދެއްވުން އެދި ﷲގެ ހަޟްރަތުގައި ދުޢާކޮށް، ސަބަބުތަކުގައި ހިފައި، ފުރިހަމައަށް ﷲއަށް ވަކީލުކޮށް އުޅުމަށް ނަސޭހަތްތެރިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް