ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ދެވަނަ ކުއާޓަރގެ އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައިފި

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި ...

30 Jun 2021 | 12:35

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ދެވަނަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓް ހޮވައިފިއެެވެ.

މި ގޮތުން ހޮވުނު ފަސް ޕްރޮޖެކްޓަކީ:

  1. ހދ. ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކުރުން - ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
  2. ށ. ޅައިމަގު ގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުން - ޅައިމަގު އެކުވެރިންގެ ރޫހު
  3. ލ. ގަމުގެ އަތިރިމަތީގައި ސޯލާ ލައިޓްހަރުކޮށް ކޮމިއުނިޓީ ޕާކެއް ހެދުން - –އިބްރާހިމް ނިޔާޒް
  4. ގދ. ފިޔޯރީގައި އައުޓްޑޯރ ކޮމިއުނިޓީ ލައިބްރަރީއެއް ހެދުން –- ފިޔޯރީ އެސޯސިއޭޝަން ފޯރ ކޮމިއުނިޓީ އެމްޕަވަރމެންޓް
  5. އައްޑޫސިޓީ މަރަދޫގައި ކޮމިއުނިޓީ ޕާކެއް ހެދުން - އިބްރާހިމް އާތިފް

" އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަަށް މިފަހަރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ޕްރޮޖެކްޓް ހިންގުމަށް އަޅުގަނޑުމެންނަށް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބިގެން ދިޔަ. މި ފިޔަވަހީގައި ހޮވިގެން ދިޔަ ފަސް ޕްރޮޖެކްޓާއެކު މި ފަންޑުގެ ދަށުން މިހާތަނަށް މިވަނީ 50 ރަށެއްގައި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައި. ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ނުހަނު ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ކަރުދާހަށް ގެންނަވައި ކޮވިޑް-19 އާއެކު ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް އަމަލީ މަސައްކަތް ނިންމެވުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަނގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން. " ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓަރއެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރާކާތް ހިންގުމަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް