މާލޭގެ އެކި ސަރަހައްދުތަކުން ހަތަރު ފުރޮޅުލީ ވެހިކަލް ޕާކު ކުރުމަށް 450 ޖާގަ ކުއްޔަށް ދޫކުރަން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ކުއްޔަށް ދޫކުރަން ނިންމާފައިވަނީ އިންޑަސްޓްރިއަލް ވިލެޖާއި އެކި ސަރަހައްދުތަކުގައި ހުރި ހުސްތަނުގައި ޖާގަ ހަދާފައި އެވެ. އެ ކައުންސިލުން ނިންމާފައިވަނީ ކާރަށް 320 ޖާގަ، ވޭނަށް 80 ޖާގައިގެ އިތުރުން ޕިކަޕު ޕާކު ކުރާނެ 50 ޖާގަ އެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ވަގުތީ ޕާކިން ޖާގަތައް ކުއްޔަށް ދެނީ، ދާއިމީ ޕާކިން އިމާރާތްތަކުގެ މަސައްކަތް ނިމެންދެން ކަމަށެވެ. ޑރ. މުއިއްޒު ވިދާޅުވީ މި ޖާގަތަކަށް ކުރިމަތިލާން އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޕާކިން ޖާގަ ހެދުމަށްޓަކައި، މާލެ ތެރޭގައި ޕާކުކޮށް ގިނަ ދުވަސްވެ ބާވެފައި ހުރި އުޅަނދުތައް ނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވި އެވެ.
އާ ކައުންސިލަރުން މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން މާލޭގައި ޕާކް ކުރާނެ ޖާގަތަކެއް ހެދުމުގެ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ބައެއް ޕާކިން ޒޯނުތަކުގެ މަސައްލަތް މިހާރު ވަނީ ނިންމާފައި އެވެ.
އެންމެ އަވަހަށް ދެން ހުޅުވާނީ މ. ބޮޑުގޭގަ ހަދަމުންދާ ޕާކިން ޒޯނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް