ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރު ކުރި އިތުރު މީހެއްގެ މައުލޫމާތު ހާމަކޮށްފި އެވެ.
މީގެ ކުރިން ފުލުހުން ބުނެފައިވަނީ އެ މައްސަލައިގަ ފުލުހުންގެ ހައްޔަރުގައި ތިބީ ފަސް މީހުން ކަމަށެވެ. އެކަމަކު ވަނަވަރު ހާމަކޮށްފައިވަނީ ހަތަރު މީހެއްގެ އެވެ.
އިތުރު ބަޔަކު ހައްޔަރުކުރި ކަން ފުލުހުން ހާމަ ނުކުރިނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މައްސަލައިގަ ފުލުހުންގެ ބަންދުގައި އަށް މީހުން ތިބި ކަމަށް ވިދާޅުވެފައި އެވެ. ރައީސް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިންމާ އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް ފުލުހުން އެމަނިކުފާނަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.
ރައީސް އެހެން ވިދާޅުވެފައިވަނިކޮށް ފުލުހުން މިއަދު ވަނީ އެ މައްސަލައިގަ ހައްޔަރުކޮށްފައިވާ ފަސް ވަނަ މީހާގެ މައުލޫމާތު އާންމުކޮށްފައި އެވެ. ފުލުހުން ބުނީ އެމީހަކީ ނ. މަނަދޫ ނޫރީގޭ އުމުރުން 27 އަހަރުގެ އަލީ ހައިޝަމް ކަމަށެވެ.
ހައިޝަމް ހައްޔަރު ކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އޭނާގެ ބަންދުގެ މުއްދަތު އެންމެ ފަހުން އިތުރުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ދުވަހު އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފަ އެވެ.
މި މައުލޫމާތުތަކުގެ އިތުރުން ހައިޝަމް އާއި ގުޅޭގޮތުން ފުލުހުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. އެހެންވެ އޭނާ ނަޝީދަށް ހަަމަލާ ދިނުމުގައި ބައިވެރިވެފައިވަނީ ކިނެއްކަން އަދި ނޭނގެ އެވެ.
މި މައްސަލައިގަ ދެން ހައްޔަރު ކޮށްފައިވަނީ އަދުހަމް އަހުމަދު ރަޝީދާއި މުޖާޒް އަހުމަދާއި ތަހުމީން އަހުމަދު އަދި އަހްމަދު ފާތިހުގެ އެވެ. މީގެ ތެރެއިން ފާތިހުގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައިވާއިރު އަނެއް ތިން މީހުންގެ ބަންދަށް 30 ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ.
ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލާފައިވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ އެމަނިކުފާނުގެ ގެކޮޅު ގ. ކެނެރީގެއިން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށެވެ.
މި ހަމަލާގައި ނަޝީދަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވެ އެވެ. އެމަނިކުފާނު މިހާރު ހުންނެވީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނުވިލާތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް