ބޮލީވުޑް އަދި އިންޑިއާ ޓީވީ ޑްރާމާ ސިލްސިލާތަކުން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ މަންދިރާ ބޭދީގެ ފިރިމީހާ މަރުވެއްޖެ އެވެ.
މަންދިރާގެ ފިރިމީހާ އަކީ ފިލްމު ޑައިރެކްޓަރު ރާޖް ކޯޝަލް އެވެ. ރިޕޯޓުތައް ބުނާގޮތުގައި ރާޖް މަރުވީ ކުއްލިއަކަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައި އެވެ.
އޭނާގެ ކުއްލި މަރާއި ބޮލީވުޑްގެ ފިލްމު އުފައްދާ ފަރާތްތަކުން ދަނީ ހިތާމަ ފާޅު ކުރަމުންނެވެ. އެގޮތުން ރާޖްގެ ކުއްލި މަރުން ފުން ހިތާމައެއް ލިބިފައިވާ ކަމަށާއި އާއިލާއަށް ކެތްތެރި ކަމަށް އެދި ޑައިރެެކްޓަރުންނާއި ޕްރޮޑިއުސަރުން ދަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ.
މަންދިރާ އާއި ރާޖް ކައިވެނި ކުރީ 1999 ވަނަ އަހަރު އެވެ. އެ ދެމީހުންގެ ކައިވެންޏަށް 2011 ވަނަ އަހަރު ފިރިހެން ކުއްޖަކު ލިބިފައިވެ އެވެ. އަދި މިދިޔަ އަހަރު އެ ދެމަފިރިން ވަނީ އަންހެން ކުއްޖަކު އެޑޮޕްޓް ކޮށްފައި އެވެ.
ރާޖް ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 2006 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "އެންތަނީ ކޯން ހޭ" އަދި 2004 ވަނަ އަހަރު ރިލީޒް ކުރި ފިލްމު ".ޝާދީ ކާ ލައްޑޫ"ގެ އިތުރުން 1999 ވަަނަ އަހަރު ރިލީޒް ކުރި ފިލްމު ".ޕިޔާރު މޭ ކަބީ ކަބީ" ހިމެނެ އެވެ.
މަންދިރާ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ 2019 ރިލީޒް ކުރި ފިލްމު "ސާހޯ" އެވެ.
ރާޖް އާއި މަންދިރާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ދެ ދަރިންނާއި އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފައި އެވެެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް