ވެކްސިން ދެ ޑޯޒު ޖެހި މީހުންނަށް ލުއި ނުލިބުން، ސަރުކާރަށް މާބޮޑަށް އިންޑިއާއަށް ބަރޯސާ ވެވުނީ!

ކޯވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން ބޮޑެތި ލުއި ދޭން ފެށިއިރު ހާއްސަ އެއްވެސް ލުޔެއް ނުލިބުނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރި މީހުންނަށެވެ. އިއްޔެ ލުއިތައް ...

30 Jun 2021 | 08:47

ކޯވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން ބޮޑެތި ލުއި ދޭން ފެށިއިރު ހާއްސަ އެއްވެސް ލުޔެއް ނުލިބުނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރި މީހުންނަށެވެ.

އިއްޔެ ލުއިތައް އިއުލާނު ކުރި އިރު ވެކްސިން ދެ ޑޯޒުގެ ވާހަކަ މާބޮޑަށް ދައްކާވެސް ނުލައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވީ މާދަމާއިން ފެށިގެން ކޯވިޑް ޖެހި ރަނގަޅުވިތާ 60 ދުވަސް ނުވާ މީހުންނަށް ކަރަންޓީން ވުމަކާއި ނުލައި އަތޮޅު ތެރެއަށް ދަތުރު ކުރެވޭނެ ކަމަށެވެ.

މި ވާހަކަވީ ދެ ޑޯޒު ވެކްސިން ޖަހައިގެން ލުއި ލިބޭނެ ކަމުގެ އިންތިޒާރުގައި ތިބި މީހުންގެ މޫނުގައި ޖެހި ތަފާލާކަށެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައ އެކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަ ކުރި މީހުންނަށް ލުއި ނުދެވިގެން އުޅެނީ ލުއި ދެވޭވަރަށް އާބާދީއަށް ދެ ޑޯޒު ދެވިފައި ނުވާތީ ކަމަށެވެ. ގައުމުތަކުގައި ކޯވިޑްގެ ހާލަތަށް ލުއި ދެމުން ދަނީ ވެކްސިން ޖަހާ އާބާދީގެ 75 ޕަސެންޓަށް ވެކްސިން ދެވުމުންނެވެ.

ރާއްޖޭގައި އަދި ކޯވިޑް ވެކްސިން ފުރިހަމަ ކޮށްފައިވަނީ އާބާދީގެ 36 ޕަސެންޓާއި 38 ޕަސެންޓާއި ދެމެދުގެ އަދަދެއްގެ މީހުންނެވެ.

މިހެން ވެގެން މިއުޅޭ ސަބަބަކީ ކޮބައި ހެއްޔެވެ. ވިސްނާލައި ދައްކާލަންވީ އެ ވާހަކަ އެވެ.

ރާއްޖޭގައި ފުރަތަމަ ދޭން ފެށީ އިންޑިއާއިން ހަދިޔާ ކުރި އެއްލަކަ ޑޯޒުގެ ކޮވިޝީލްޑް ވެކްސިނެވެ. އެންމެ ފުރަތަމަ އެޗްޕީއޭއިން ބުނީ އެ އެއްލައްކަ ޑޯޒު ދޭނީ ދެ ޑޯޒު ހަމަވާ ގޮތަށް 50،000 މީހުންނަށް ކަމަށެވެ. އެކަމަކު 45،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދެވުމުން އެކަމާއި ގުޅޭގޮތުން "ދުވަސް" އިން ސުވާލު ކުރުމުން ނޫސްވެރިންގެ ބައްދަލުމެއްގައި އެޗްޕީއޭއިން ބުނީ އިންޑިއާއިން އިތުރު އެއް ލައްކަ ޑޯޒު ވެކްސިން ދޭނެ ކަމަށް އިއުލާނު ކޮށްފައި އޮތުމުން ފުރަތަމަ ލިބުނު އެއްލައްކަ ޑޯޒު ވެކްސިން ފުރަތަމަ ޑޯޒުގެ ގޮތުގައި ޖެހުމަށް ނިންމާފައިވާ ކަމަށެވެ.

އިންޑިއާއިން ފަހުން ދިން އެއް ލައްކަ ޑޯޒާއި އެކު ދެ ލައްކަ ޑޯޒު ދެމުންވެސް އެޗްޕީއޭއިން ބުނީ އެހެންނެވެ. އިންޑިއާއިން ކޮވިޝީލްޑް ވެކްސިން ގެންނަން ނިންމާފައިވާތީ ވެކްސިން ލިބުމުގައި ބުރޫއެއް ނާރައި އޮމާން ކަމާއި އެކު ކޮވިޝީލްޑް ޖެހި މީހުންނަށް ދެ ޑޯޒު ދެވޭނެ ކަމަށެވެ.

އެކަމަކު އެ ވާހަކަ ދެއްކި އިރު އެންމެ ފުރަތަމަ ކޯވިޑް ފެތުރިގެން އައި އިރު ސަރުކާރާއި އެޗްޕީއޭއިން ދެއްކި ވާހަކަތައް ހަނދާން ނެތުނީ އެވެ. ކޯވިޑަކީ ދުނިޔެއަށް އާ ބައްޔަކަށް ވުމުން ބަލިން ރަނގަޅުވާނެ ގޮތާއި ފަރުވާ އާއި އިންސާނީ ވަސީލަތްތައް ހޯދުމުގައި އެއްގައުމު އަނެއް ގައުމަށް ބަރޯސާވެވެން ނެތް ވާހަކަ އެވެ.

ކޮވިޝީލްޑް ވެކްސިން އިންޑިއާއިން ހޯދުމުގައި ކަންވީ އެހެންނެވެ. ސަރުކާރުން މާބޮޑަށް އިންޑިއާއަށް ބަރޯސާވީ އެވެ. ރާއްޖެއިން ކޮވިޝީލްޑް ވެކްސިން ހުސްވުމާއި ގާތްވަމުން ދިޔައީ މިދިޔަ މާޗް މަހުގެ ފަހުކޮޅު ކަމަށްވާއިރު އެ ދުވަސްވަރު ވެގެން ދިޔައީ އިންޑިއާއަށް ކޯވިޑްގެ ދެވަނަ ރާޅު އަރަމުން ދިޔަ ދުވަސްވަރެވެ.

އިންޑިއާގެ ހާލަތު އެހެން ހުރިހާ ގައުމަކަށްވުރެ ދަށަށް ވެއްޓި އެ ގައުމުގެ ރައްޔިތުންގެ ވެކްސިން ޕްރޮގްރާމް ހުއްޓުމަކާއި ގާތަށް ދިއުމުން ކޮވިޝީލްޑް ވެކްސިން އުފައްދާ ސީރަމް އިންސްޓިޓިއުޓުން ނިންމީ ވެކްސިން ވިއްކުމާއި ދިނުމުގައި އިންޑިއާ ރައްޔިތުންނަށް އިސްކަން ދިނުމަށެވެ. އެ ގައުމުގެ ސަރުކާރުން ކިތަންމެ ބޭނުންވިޔަސް ގައުމުން ވެކްސިން އެކްސްޕޯޓު ކުރުމުގެ ހުއްދަ މި އަހަރު ފަހުކޮޅު ނޫނީ ނުދޭށެވެ.

މިއާ އެކު ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި ގިނަ ބަޔަކު ދެ ވަނަ ޑޯޒު ޖަހަން މުއްދަތު ހަމަ ވިޔަސް ކޮވިޝީލްޑް ވެކްސިން ލިބޭނެ ގޮތެއް ނެތެވެ. ސަރުކާރުން މީގެ ކުރިން ދިޔައީ ވެކްސިން ލިބޭނެ ކަމަށް ބުނެ އެކި ތާރީހުތައް ހާމަ މުންނެވެ. އެކަމަކު އެންމެ ފަހުން ކޮވިޝީލްޑަށް ބަރޯސާ ނުވެ އެސްޓްރަޒެނިކާ ދެވަނަ ޑޯޒުގެ ގޮތުގައި ޖަހަން ނިންމާފައިވާކަން ވަނީ އިއުލާނު ކޮށްފައި އެވެ.

އަންނަ މަހުގެ މެދު ތެރޭގައި ލިބޭނެ ކަމަށް ބުނެފައިވާ އެސްޓްރަޒެނިކާ ވެކްސިން ލިބިގެން ނޫނީ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒު ނުޖެހިތިބި ލައްކައެއްހާ މީހުންނަށް ވެކްސިން ދެވޭނެ ގޮތެނެވެ. އެހެން ވުމުން ދެ ޑޯޒު ޖެހި އާބާދީ އިތުރު ވާގޮތެއް ނުވެ އެވެ.

އަދި ކޯވިޑް ވެކްސިން ޕްރޮގްރާމާއި މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ހިސާބަށް ދިޔައެވެ. އެގޮތުން ކުރިން ވެކްސިން ޖެހުމަށް އާންމުން ދިން ސަމާލުކަން މިހާރު ނުދޭކަން ފާހަގަވެ އެވެ. މީގެ ކުރިން ދުވާލަކު 5،000 އަށްވުރެ ގިނަ މީހުން ވެކްސިން ޖެހި އިރު މިހާރު ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާ މީހުންގެ އަދަދު އުޅެނީ ދުވާލަކު 200 އިން ދަށުގައި އެވެ.

ކަން އެހެން ވެފަ އޮތް ނަމަވެސް ރައްޔިތުން މާޔޫސް ނުވެ ހިތް ވަރު އެލުވާނުލާ މުސްތަގުބަލަށް ވިސްނާލުމަށް ފަހު ކޯވިޑް ވެކްސިން ޖަހަން ޖެހެ އެވެ. މިހާރުވެސް އާންމުކޮށް ހުޅުވާލައިގެން ސިނޯފާމް ވެކްސިން ޖެހޭއިރު ވެކްސިން ފުރިހަމަ ކޮށްފައި ހުރުމުން އޭގެ ނަތީޖާ ފަހުން ރަނގަޅުވާނެ ކަމަށް އުންމީދު ކުރާ ށެވެ.

ދަތުރު ކުރެވުމުގެ އިތުރުން އަމިއްލަ ސަލާމަތާއި ރައްކާތެރި ކަމުގެ އިތުރުން ތިމާގެ އާއިލާ އާއި ގާތް މީހުންގެ ސަލާމަތް އޮތީ ވެކްސިން ޖަހައި ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އަޅައިގެން ތިބުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް