މިފަހަރު ސަރުކާރަށް ދެވުނީ ތަފާތު ލުޔެއް، އެންމެން ކޯވިޑް ނުޖެހިގެން ރޮނީ!

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެވެސް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހިތްދަތި އުނދަގޫ ދުވަސްތަކެއް ހޭދަ ކުރަން ޖެހިއްޖެ އެވެ. ކޯވިޑްގެ ހާލަތުގައި ރާއްޖެ ދުށް އެނ...

30 Jun 2021 | 07:52

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެވެސް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހިތްދަތި އުނދަގޫ ދުވަސްތަކެއް ހޭދަ ކުރަން ޖެހިއްޖެ އެވެ.

ކޯވިޑްގެ ހާލަތުގައި ރާއްޖެ ދުށް އެންމެ ނުރައްކާތެރި ހާލަތަކީ މިދިޔަ ދެ މަހެއްހާ ދުވަހު ހޭދަ ކުރި ދުވަސްތަކެވެ. 100 އަށްވުރެ ގިނަ މީހުން ކޯވިޑްގައި މަރުވެފައިވާއިރު ދެ މަހެއްހާ ދުވަހުގެ ތެރޭގައި 30،000 އާއި ގާތް ކުރާ އަދަދަކަށް މީހުންނަށް ކޯވިޑް ޖެހުނެވެ.

މިހާލަތުގައި ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ ގޭގައި ބަންދުވެފައި ތިބެން ޖެހުމާއި ދަތުރުފަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކެވެ. ހާއްސަކޮށް ކަރަންޓީންވާން ޖެހުމަކީ ހުއްޓުމެއް ނެތް މިހާރުގެ ޝަކުވާއެކެވެ. އިތުރަށް ރައްޔިތުން ރުޅި އަންނަ ގޮތް ވަނީ އީދު ނުވަތަ ސްކޫލް ބަންދުވާން ކައިރިވާއިރަށް އެޗްޕިއޭއިން އަތޮޅުތެރެއަށް ދަތުރު ކުރުމުގައި އަޅާ ފިޔަވަޅެވެ.

ފިޔަވަޅުތައް އެޅުމަށް ފަހު އެޗްޕީއޭއިން ބުނަނީ އެއީ ރައްޔިތުންގެ ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއް ކަމަށާއި ކޯވިޑުން ރައްކާތެރިވުމަށް އެންމެން އަތް ދޮވެގެން ގޭގައި ތިބެން އިލްތިމާސް ކުރާ ކަމަށެވެ. މިދިޔަ ދެ މަހު ކޯވިޑްގެ ހާލަތު ގޯސްވުމުން މާލެ ފާޑަކަށް ފުރަ ބަންދަކަށް ގޮސް އަތޮޅު ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން އޮތީ މަނާކޮށްފައި އެވެ.

އެހެންވެ ކޯވިޑް ޖެހުން ވަރަށް ބޮޑަށް ކޮންޓްރޯލްވެ މާލޭގެ ކޭސްތަކުގެ އަދަދު 50 ން ވަނީ ދަށްވެފައި އެވެ. މިއާއި އެކު އިއްޔެ ސަރުކާރުން ދިން ތަފާތު ލުޔަކުން ރައްޔިތުން މިހާރު އުޅެނީ ކޯވިޑް ނުޖެހިގެން ދެރަވެގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ކޯވިޑް ޖެހި ރަނގަޅުވިތާ 60 ދުވަސް ނުވާނަމަ އަތޮޅު ތެރެއަށް ކަރަންޓީން ވުމަކާއި ނުލައި ދަތުރު ކުރެވޭނެކަން އިއުލާނު ކުރައްވާފަ އެވެ. މި ފެށުނު ސްކޫލް ބޮޑޫ ޗުއްޓީ އާއި ދިމާކޮށް މިއީ ވަރަށް ހިތްދަތި ކޯވިޑް ލުޔެކެވެ. މި ނިންމުމަށް އަމަލު ކުރަން ފަށާނީ މާދަމާ އެވެ.

ސޯޝަލް މީޑިއާގައި މީހުން ދަނީ މިކަމާއި ގުޅިގެން މަޖާޒީ ގޮތުން ކޯވިޑް ނުޖެހިން ހިތާމަ ކުރާކަން ހާމަކުރަމުންނެވެ. އަދި ސަރުކާރާއި އެޗްޕީއޭއިން ދެއްކި ވާހަކަ އަޑުއައިގެން ގޭގައި ތިބެވުނީތީ މިއަދު ދެރަވާ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އަނެއް ބަޔަކު ދަނީ ކޯވިޑް ޖެހިފައިވާ މީހަކު ހުރިނަމަ އަންގާލަ ދިނުމަށް އެދޭކަމަށާއި އެމީހަކު ކައިރިއަށް ގޮސް ބަލި ޖެހިލަށް ބޭނުންވާ ކަމަށް ބުނަމުންނެވެ.

މި 60 ދުވަސް ކަނޑައެޅި ގޮތެއް ހާމައެއް ނުކުރެ އެވެ. އެކަމަކު މީގެ ކުރިން އެޗްޕީއޭއިން ދީފައިވާ މައުލޫމާތަށް ބަލާއިރު ދެ މަސްދުވަސް ތެރޭގައި ދެ ވަނަ ފަހަރު އެމީހަކަށް ކޯވިޑް ޖެހުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

ބައެއް މީހުން ރުޅި އަންނަމުން ދަނީ ވެކްސިން ފުރިހަމަ ކުރި މީހުންނަށް އެއްވެސް ލުޔެއް ނުދޭތީ އެވެ. އޭގެ ހަގީގަތް ބަލާލަމާހެއްޔެވެ.

ދުނިޔޭގެ ގައުމުތަކުގައި ކޯވިޑް ފިޔަވަޅުތަކަށް ލުއި ދެމުން ދަނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ފުރިހަމަ ކުރެވުމުންނެވެ. އެއީ އާބާދީގެ 75 ޕަސެންޓެވެ. ރާއްޖޭގައި އަދި ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވަނީ އާބާދީގެ އެންމެ 38 ޕަސެންޓު މީހުންނެވެ.

އެހެން ކަމުން ވެކްސިން އާއި އެކު ލުއި ލިބެން އަދި ލައްކަ ދުވަސް އެބަ އޮތެވެ. ގިނަ މީހުން ޖަހާފައި ތިބީ ކޮވިޝީލްގެ ފުރަތަމަ ޑޯޒު ކަމުން ދެވަނަ ޑޯޒު ނުޖެހި ތިބީ އޭގެ ތެރެއިން ބައެކެވެ. ރާއްޖެއިން ކޮވިޝީލްޑް ވެކްސިން ގާތްގަނޑަކަށް ހުސްވެފައިވާއިރު މިހާރު ކޮވިޝީލްޑް ވެކްސިން ޖަހައިދެމުން ދަނީ އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނަށް އެޕޮއިންޓްމެންޓް އުސޫލުންނެވެ.

އެކަކުވެސް ރޯނެ ކަމެއް ނެތެވެ. އެޗްޕީއޭއިން އަޅާފައިވާ ކޮންމެ ފިޔަވަޅަކީ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށް އަޅާފައިވާ ފިޔަވަޅެވެ. މިއަދު ކަރަންޓީން ނުވެ ރަށަން ނުދެވުނަސް އަވަސް މުސްތަގު ބަލެއްގައި ވެކްސިން ލިބި އެހެން ގައުމުތަކެކޭ އެއްގޮތަށް ލުއި ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް