ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ދަތުރު ނުކުރެވޭނަމަ، ވެކްސިން ޖެހުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ ރޭގެވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.
ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާ މީހުންނަށް ދަތުރު ކުރުމުގައި ލުއިތަކެއް ދޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ތިންމަސް ކުރީިން ހާމަކޮށްފައެވެ، އެހެންނަމަވެސް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ ދެ ޑޯޒް ފުރިހަމަ ކުރާ މީހުންނަށް އަދި ލުއި ދެވެން ނެތް ކަމަށާއި، ލުއި ދެވޭނީ ގިނަ ބަޔަކު ދެޑޯޒް ފުރިހަމަ ކުރުމުން ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ، ކޯވިޑް-19 ޖެހި، ބަލިން ފަސޭހަވެފައި ތިބި މީހުންނަށް ކަރަންޓީނުވުމެއް ނެތި، ދަތުރު ކުރެވޭނަމަ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާ މީހުންނަށްވެސް ދަތުރު ކުރެވެން ޖެހޭނެ ކަމަށެވެ. އެހެންނޫންނަމަ، ވެކްސިން ޖެހުމުގެ ބޭނުމެއް ނެތް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ނަސީމް ވިދާޅުވި ގޮތުގައި ރާއްޖޭގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 38 އިންސައްތަ މީހުންނެވެ. ވެކްސިން ޖަހާ މީހުންނަސް ލުއި ދެވޭނީ އެއަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަ ކުރުމުން ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.
ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ދަތުރު ނުކުރެވޭނަމަ، ވެކްސިން ޖެހުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވިއިރު، ކޯވިޑް-19 ވެކްސިނަކީ ބަލިން ރައްކާތެރިވުމަށާއި، ބަލި ޖެހުނު ނަމަވެސް ބޮޑުވަރު ވުމުން ދުރުހެލުކޮށްދިނުމަށް ޖަހާ އެއްޗެކެވެ.
ވެކްސިނަކީ ދަތުރުކުރަން ޖަހާ އެއްޗަކަށް ވުރެ ބޮޑަށް، ކޯވިޑް-19ގެ ނުރައްކަލުން ރައްކާތެރިވުމަށް ޖަހާ އެއްޗެކެވެ. ބަލީގައި ސީރިއަސް ހާލަތަކަށް ނުދިއުމަށް ވެކްސިން އެހީވެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް