އަންނަ ހަފުތާ އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި ޖަލްސާކުރާ މާލަމްގައި ބޭއްވުމާއި ގުޅޭ ގޮތުން ހެލްތު މިނިސްޓްރީއާ މަޝްވަރާ ކުރަން ނިންމައިފިއެވެ.
މެއި މަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ކޯވިޑް-19ގެ ހާލަތު ގޯސްވުމުން އެޗްޕީއޭއިން ފިޔަވަޅުތައް ހަރުކަށިކުރުމުން މަޖިލީހުގެ ޖަލްސާތައް ވެސް އޮންލައިންކޮށް ބާއްވަން ނިންމިއެވެ.
މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ބާއްވަނީ އޮންލައިންކޮށެވެ. މަޖިލީހުގެ މާލަމުގައި ކުރިއަށް ދަނީ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި ޖުޑިޝަރީ ކޮމިޓީ އެކަންޏެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެޗްޕީއޭއިން ގިނަ ފިޔަވަޅުތައް ލުއިކޮށްދީފައިވާތީ މަޖިލީހުގެ ޖަލްސާތައް ވެސް ތަޅުމުގައި ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން މި ކަމުގައި ހެލްތު މިނިސްޓްރީއާ މަޝްވަރާ ކުރާނަން، އަޅުގަނޑުމެން ގޮތެއް ނިންމާނީ ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށް ލަފާ ހޯދާފައި،" އީވާ ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ރާއްޖޭން ކޯވިޑް-19ގެ ބަލި ފެނިގެން މުޅި ރާއްޖެ ފުރަބަންދުކޮށް މާލޭގައި 24 ގަޑިއިރު ކާފިއު ހިންގި ދުވަސްވަރު ވެސް މަޖިލީހުގެ ޖަލްސާތައް ބޭއްވީ އޮންލައިންކޮށެވެ. އެއީ ދުނިޔޭގައި ވެސް މަޖިލީހުގެ އިދާރާއަކުން އޮންލައިންކޮށް ޖަލްސާއެއް ބޭއްވި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް