އޮޑިޓާ ޖެނެރަލަކަށް އައްޔަން ކުރަން އެސިސްޓެންޓް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީގެ ނަން ފޮނުވައިފި

އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރަން އެސިސްޓެންޓް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީގެ ނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ. މިއަދު އޮތް ރައްޔިތުންގެ މ...

30 Jun 2021 | 06:45

އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރަން އެސިސްޓެންޓް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީގެ ނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ރައީސް ފޮނުއްވި ސިޓީ ރިޔާސަތުން ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައި އެވެ. އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމުން ކުރިމަތި ލެއްވި ބޭފުުޅުންގެ ތެރެއިން މަޖިލީހަށް ރައީސްް ފޮނުއްވީ ނިޔާޒީގެ ނަން އެކަންޏެވެ.

މިއަދުގެ މަޖިލީހުެގ ޖަލްސާގައި ވަނީ އޭނާއަށް ރުހުން ދިނުމަށްޓަކައި ނަން ދިރާސާ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފަ އެވެ.

ހުސައިން ނިޔާޒީ އެސިސްޓެންޓް އޮޑިޓާ ޖެނެރަލެއްގެ މަގާމަށް އައްޔަންކުރީ 2011 ވަނަ އަހަރު އެވެ. އޭނާ އަކީ މިހާރު އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ފައިނޭންޝަލް އޮޑިޓް ސާވިސަސް ޑިވިޝަންގެ ވެރިޔާ އެވެ. އެ ޑިވިޝަނަކީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން ފައިސާ ހަރަދުކުރާ ގޮތުގެ އޮޑިޓްތައް ކުރާ ޑިވިޝަނެވެ.

އޮޑިޓް އޮފީހުގައި 15 އަހަރު ދުވަހަށް ވުރެ ދިގުުމުއްދަތެއްގައި މަސައްކަތް ކުރައްވާފައިވާ ނިޔާޒީ އަކީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ލައިސަންސިން އެންޑް ޑިސިޕްލިނަރީ ކޮމިޓީގެ ވެސް ޗެއާ އެވެ. އެ ކޮމިޓީގެ މެންޑޭޓަކީ ޕްރައިވެޓް ސެކްޓާ އޮޑިޓިންގެ ކަންތައްތައް ރެގިއުލޭޓްކުރުމެވެ. އޭނާއަކީ ޗާޓާޑް މެނޭޖްމެންޓް އެކައުންޓެންޓެކެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓުގައި އޭނާގެ ނަން އޮތުމުން ނެވެ. އެކަމަކު އެ ފައިސާ އެމްއެމްޕީއާރުސީގެ ފައިސާ ގޮތުގައި ލިބިފައިވާ ކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

ރައީސަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ހިޔާނާތުގެ ފައިސާ ނަންގަވާފައި ނުވާނެ ކަމަށާއި އެހެން ނަމަވެސް އިސްތިއުފާ ދެއްވީ ލިސްޓްގައި ނަން އޮތުމުން އޮޑިޓް އޮފީހުގެ ކަރާމާތް ގެއްލޭ ކަމަށް އަމިއްލަފުޅަށް ގަބޫލު ކުރައްވާތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް