ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތަށް ލިބުނު ފަރާތްތަކަށް އެތަން ބަލާލުމުގެ ފުރުސަތު ހުޅުވާލުމުން ފާއިތުވި ހަތަރު ދުވަހު 4،000ށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފިއެވެ.
ހައުންސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ މިހާތަނަށް ޖުމްލަ 4،247 މީހުން ފްލެޓްތައް ބެލުމަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އެގޮތުން 26 ވަނަ ދުވަހު 1،308 މީހުން ޒިޔާރަތްކޮށްފައިވާއިރު 27 ވަނަ ދުވަހު 1،479 މީހުން، 28 ވަނަ ދުވަހު 709 މީހުން އަދި 29 ވަނަ ދުވަހު 751 މީހުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓް ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް އެޗްޑީސީގެ ފަރާތުން އަންނަނީ ކުރަމުންކަމަށެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ހިޔާ ފްލެޓްތަކުގެ މި ޔުނިޓްތަކުގައި ދިރިއުޅެން ފެށޭނީ އެގްރިމެންޓްގެ މަސައްކަތާއި އިމާރާތުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށްފަހުއެވެ. ފްލެޓްތަކުގައި މުށިޖެހުމާއި، ކުލަލުމާއި، ބަދިގެ ކަބަޑުސެޓު ޖެހުމާއި، ފަންކާއާއި ބޮކި ވެސް ހަރުކުރަންޖެހޭނީ ފްލެޓްތަކުގެ ވެރިންގެ ޚަރަދުގައި އަމިއްލައަށެވެ. އެގްރިމެންޓްގައި ސޮއިކުރުމަށްފަހު ފުރަތަމަ 3 މަސް ދެނީ ފިނިޝިންގ މަސައްކަތްތައް ކުރުމަށެވެ. މި މުއްދަތުގައި އެއްވެސް ކުއްޔެއް ނުނަގާގޮތަށް ސަރުކާރުންވަނީ ލުއި ދީފައެވެ.
ހުޅުމާލޭ ދެވަނަ ފޭސްގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ފްލެޓުގެ މެނޭޖްމަންޓު ފީއާއެކު ހިޔާ ފްލެޓްތަކަށް ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހައިލައިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް