އިންޑިއާ ފިރިހެނަކު އަނބިމީހާ މަރާލައި އަންދާލުމަށް ފަހު ކޯވިޑް ޖެހިގެން އަނބިމީހާ މަރުވި ކަމަށް އާއިލާއަށް އަންގައިފި އެވެ.
މި ހާދިސާ ހިނގީ ހައިދަރްއާބާދުގައި އެވެ. އަނބިމީހާ މަރާލުމަށް ފަހު އެމް ޝްރިކާންތް ރެޑީ ކިޔާ އެމީހާ ވަނީ 18 މަހުގެ ދަރިފުޅު ގޮވައިގެން ފިލާފަ އެވެ.
ފުލުހުންނަށް އެމް ބުވަނުޝްވަރީ ކިޔާ އެ އަންހެން މީހާގެ ގެއްލިގެން ނުވަތަ ކޯވިޑް މަރުގެ ހަގީގަތް ބެލުމަށް ހުށަހެޅީ އަންހެނުންގެ އާއިލާއިން ކަމަށް ބެލެވެ އެވެ. ފުލުހުން ހާމަކޮށްފައިވަނީ ޝްރިކާންތް އޭނާގެ އަންހެނުން މަރާލިކަމަށް ބެލެވޭ ހެއްކާއި އޭނާ ހޯދަމުންދާ ކަމެވެ.
ފުލުހުން އާންމު ކުރި ސީސީޓިވީ ފުޓޭޖުން ފެންނަނީ ދެމަފިރިން އުޅުނު ގެއިން މީގެ ހަތް ދުވަސް ކުރިން އެއް އަތުން ބޮޑު ރަތް ކުލައިގެ ފޮށްޓެއް ހިފައިގެން އަނެއް އަތުން ދަރިފުޅު އުރައިގެން ޝްރިކާންތު ނުކުމެގެން ދާތަނެވެ. ފުލުހުން ތުހުމަތު ކުރަނީ އޭނާ ގެއިން ނުކުމެގެން ދިޔައީ ބުވަނުޝްވަރީ މަރާލުމަށް ފަހު އެ ރަތް ފޮއްޓަށް ލައިގެންނެވެ.
އެކަން ޔަގީން ކުރެވުނީ އެ ދުވަހު އޭނާ އެރި ޓެކްސީ ހޯދައި ޑްރައިވަރާ ސުވާލު ކުރުމަށް ފަހު ހެދި ފޮރެންސިކް ޓެސްޓުތަކެއްގެ އެހީގައި އެވެ. ފުލުހުން ބުނީ އެ ޑްރައިވަރު ވަނީ އެ ދުވަހު އޭނާ ޓެކްސީގައި ދިޔައީ ހިންދޫ ދީނުގެ މީހުން އަންދާ ތަނަކަށް ކަމާއި ޝްރިކާންތުގެ އަންހެނުން އަންދާލަން އެހީތެރިވެދިން ކަމަށް އެއްބަސްވެފައި އެވެ.
އަންހެނުން މަރާލުމަށް ފަހު ޝްރިކާންތް އާއިލާއަށް އަންގާފައިވަނީ އޭނާ މަރުވީ ކޯވިޑް ޖެހިގެން ހޮސްޕިޓަލުގައި އޮއްވަ ކަމަށެވެ. އަދި ހަށިގަނޑު އަންދާލުމުގެ ކަންކަން ހަމަޖެއްސީ ހޮސްޕިޓަލުން ކަމަށް އަންގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އޭނާ އަންހެނުން މަރާލަން ޖެހުނު ސީދާ ސަބަބެއް ނޭނގެ އެވެ. ފުލުހުން ތުހުމަތު ކުރަނީ ދެމީހުންގެ ދެމެދުގައި ހިނގި ޒުވާބެއްގައި އަންހެނުން މަރާލީ ކަަމަށެވެ.
ފުލުހުން ބުނީ އެ ދެމަފިރިން ހައިދަރްއާބާދުގައި ދިރިއުޅެނީ ވަޒީފާ އަދާ ކުރުމަށް ކަމަށެވެ. ދެމީހުންނަކީވެސް ސޮފްްޓްވެއާ އިންޖިއަރުން ކަމަށާއި ކޯވިޑާއި ގުޅިގެން ދެމީހުންގެ ވަޒީފާވެސް ގެއްލިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް